ގޭންގް ކުށްތަކުން ސަލަމާތާއި ރައްކާތެރިކަން ނަގަމުންދާ ނެގުން ހުއްޓުވަން ބޭނުން: އިހުސާން

ގޭންގް ކުށްތަކުން ސަލަމާތާއި ރައްކާތެރިކަން ނަގަމުންދާ ނެގުން ހުއްޓުވަން ބޭނުން: އިހުސާން

Author
އަހުމަދު
29 މާރޗް 2024 05:10
0

ގޭންގް ކުށްތަކުން  ރާއްޖޭގެ ސަލަމާތާ ރައްކާތެރިކަން ނަގަމުންދާ ނެގުން ހުއްޓުވުމަކީ އެންމެ ބޮޑު އެއް އަމާޒު ކަމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުލުހުންނާ ބައްދަލު ކުރެއްވުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ޖަލްސާގައި އިހުސާން ވިދާޅުވީ  ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސްތުވާތަކެތީގެ ވަބާއިންނާއި ގޭންގް ކުށްތަކުން ރާއްޖޭގެ ސަލަމާތާ ރައްކާތެރިކަން ނަގަމުންދާ ނެގުން ހުއްޓުވުމަށާއި ބިދޭސީން ގާނޫނާ ގަވާއިދާ ހިލާފަށް އުޅޭއުޅުންމުން ދާހިލީ ސަލާމަތާ ރައްކާތެރިކަމަށް ލިބޭގެއްލުމުން ސަލާމަތްކުރުމަކީ އެންމެ އިސް ތިން އަމާޒު ކަމަށެވެ.

އަދި ދިވެހި ކޮންމެ ރައްޔިތަކުމެ އެދެނީ ދިވެހި ފުލުހުންގެ މައްޗަށް ދިވެހި ސަރުކާރުން ކުރަމުންދާ ހަރަދާ އެއްވަރަށް އޭގެ ލާބައާއި މަންފާ ލިބުން ކަމަށް ވިދާޅުވިއެވެ. އެ ލާބަ އާއި މަންފާ ލިބުމަކީ ދިވެހި ކޮންމެ ފަރުދަކަށް ވަކި އުމުރުފުރައެއް ނެތި މަގުމައްޗަށް ނިކުންނަ ކޮންމެ މީހަކަަށް އެމީހަކު ދާންބޭނުންވާ މަންޒިލަށް އެއްވެސް ޖެހިލުމެއް ބިރުވެރިކަމެއް ނެތި ރައްކާތެރިކަމާއެކު ދެވުން ކަމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ސްޓްރެޓެޖިކް ޕޮލިސިންގ ރިއުކަޔަރމަންޓް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުއިއްޒުއެވެ. އަދި ސްޓްރެޓެޖިކް ޕޮލިސިންގ ރިއުކަޔަރމަންޓް ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްދެއްވީ މިނިސްޓަރު އިހުސާނުއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ސްޓްރެޖިކް ޕޮލިސިންގ ރިކުއަރމަންޓާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢުއެވެ.

ސްޓްރެޓެޖިކް ޕޮލިސިންގ ރިއުކަޔަރމަންޓަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 69 ވަނަ މާއްދާގައި ވާގޮތުގެ މަތިން ވަޒީރަށް މަތިކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ދަށުން ރައީސުލް ޖުމްހޫރިއްޔާގެ ސިޔާސަތުތަކާ އެއްގޮތަށް ދިވެހި ފުލުހުންގެ ހިދުމަތް ވަޒީރުގެ ބެލުމުގެ ދަށުން ހިންގާނެ ގޮތާ ޖަވާބުދާރީ ކުރުވާނެ ގޮތް ބަޔާންކޮށްދިނުމުގެ ގޮތުން ވަޒީރު ލިޔުމުން ކަނޑައަޅައި ފުލުހުންނަށް އަންގާ ރަސްމީ ލިޔުމެކެވެ.

ސްޓްރެޓެޖިކް ޕޮލިސިންގ ރިއުކަޔަރމަންޓްގައި  ގައުމުގެ ހާލަތަށްބަލައި ފަރުދުންނާ މުޖުތަމައު، ނުރައްކާތެރި ކުށާއި އިންތިޒާމްވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށާއި ފަރުދުންގެ ހައްގުތަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަންކަމުން އެމީހުން ސަލާމަތްކުރުމަށާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދެވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފުލުހުންގެ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ފުލުހުންގެ ކިބައިގައި ގާބިލްކަން އުފައްދައި ފުލުހުން ތައްޔާރުވެތިބެންޖެހޭ އަމާޒުތައް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.