الحمد لله، والصلاة والسلام على من لا نبي بعده،
ގަޟާގަދަރަށް އީމާންވުމޭ ބުނެވޭ ބަހުގެ ޙަގީގަތަކީ:
މިކައުނުގައި ހިނގާ ކޮންމެ ކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ތަގްދީރުން ހިނގާ ކަންތައްކަން ހެޔޮހިތުން ގަބޫލުކޮށް ތެދުކުރުމެވެ. އަދި އެއީ އީމާންކަމުގެ ހަވަނަ ރުކުންކަމާއި، އެޔާއިނުލާ މީހާގެ އީމާންކަން ފުރިހަމަ ނުވާނެކަން ގަބޫލުކުރުމެވެ.
ޞަޙީޙް މުސްލިމް ގައި އައިސްފައިވެއެވެ. އިބްނު ޢުމަރު-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ބަޔަކު މީހުން ގަޟާ ގަދަރަށް އިންކާރުކުރާ ކަމުގެ ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގަތެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "އެބައިމީހުންނާއި ބައްދަލުވެއްޖެނަމަ ތިމަންކަލޭގެފާނު އެމީހުންގެ ކިބައިން ބަރީއަވެގެންވާކަން ދަންނަވާށެވެ. އަދި އެމީހުންވެސް ތިމަންކަލޭގެފާނުގެ ކިބައިން ބަރީއަވެގެންވާ ކަން ދަންނަވާށެވެ. އަދި ވިދާޅުވިއެވެ. ﷲ ގަންދީ ދަންނަވަމެވެ. އެމީހުންގެ ތެރެއިންމީހަކު އުޙުދުފަރުބަދަޔާއި އެއްވަރަށް ރަނުން ޞަދަގާތް ކުރިނަމަވެސް ގަޟާގަދަރަށް އީމާންވެއްޖައުމަށް ދާންދެން އެކަމެއް ގަބޫލެއް ނުކުރެއްވޭނެއެވެ".
ގަދަރުގެ ހަތަރު ދަރަޖައަށް އީމާން ވެއްޖައުމަށް ދާންދެން އެޔަށްފުރިހަމައަށް އީމާންވީ ކަމަކަށް ނުބެލެވޭނެއެވެ. އެއީ:
1. އަޒަލުއްސުރެ މިދުނިޔެމަތީގައި ވާނެހާ ކަމެއް މާތް ﷲ ދެނެވޮޑިގެންވާކަން ގަބޫލުކުރުން، އެހެންކަމުން އުޑާއި ބިމުގައި ވާހާ ކަމެއް ﷲ މޮޅަށް ދެނެވޮޑިގެންވާކަން ގަބޫލުކުރުން.
2. އުޑާއިބިން ހެއްދެވުމުގެ ފަންސާސް އަހަރު ކުރިން އުޑާއި ބިމުގައި ވާނެހާ ކަމެއް ލައުޙުލްމަޙްފޫޘު ގައި ﷲ ތަޢާލާ ލިޔުއްވާފައިވާކަން ގަބޫލުކުރުން.
3. ﷲ ތަޢާލާ ގެ ކުޅަދުންވަންތަ ކަމާއި އިރާދަފުޅުން މެނުވީ އެއްވެސް ކަމެއް މިކައުނު ގައި ނުހިނގާނެ ކަން ގަބޫލުކުރުން.
4. ހުރިހާ ކާއިނާތެއް ހެއްދެވި ފަރާތަކީ ﷲ ކަން ގަބޫލުކުރުން.
ﷲ ވަޙީ ކުރައްވާފައިވެއެވެ. (ذلكم الله ربكم لا إله إلا هو خالق كل شيء) މާނައަކީ: "އެއީ ތިޔަބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހެވެ. އެކަލާންގެ މެނުވީ ޙައްގުވެގެން އަޅުކަންވެވޭ އެހެންފަރާތެއް ނުވެއެވެ. އެކަލާންގެއީ ހުރިހާ ތަކެއްޗެއްގެ ޚާލިގެވެ". (ސޫރަތުލް އަންޢާމް ގެ 102 ވަނަ އާޔަތް).
ގަދަރަށް އީމަންވުމުގެ ލަވާޒިމް ތަކުގެ ތެރޭގައި:
• ކޮންމެ އިންސާނަކަށްވެސް އެމީހަކު އުޅޭނެގޮތް އިޚްތިޔާރު ކުރަނީ އަމިއްލަ ބާރުންކަން ގަބޫލުކުރުން. ﷲ ވަޙީ ކުރައްވައެވެ. (لمنشاءمنكمأنيستقيم) މާނައަކީ: "ތިޔަބައިމީހުންގެ ތެރެއިން ސީދާވެގަތުމަށް އެދޭމީހަކަށެވެ". (ސޫރަތުއް ތަކްވީރުގެ 28 ވަނަ އާޔަތް). އަދިވެސް ވަޙީ ކުރައްވައެވެ. (لا يكلف الله نفساً إلا وسعها)މާނައަކީ: "އެއްވެސް ނަފްސަކަށް، އެނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަށް މެނުވީ، އަދާކުރުމަށް މާތް ﷲ ނުޖައްސަވަތެވެ". (ސޫރަތުލް ބަގަރާގެ 286 ވަނަ އާޔަތް).
• އަޅާގެ ކުޅަދާނަކަމާއި އިރާދައަކީ ﷲ ގެ ކުޅަދުންވަންތަކަމާއި އިރާދަފުޅުންބޭރުގައިވާ ކަންތަކެއް ނޫންކަން ގަބޫލުކުރުން. އެހެނީ އެކަންތައް އިންސާނާއަށް ދެއްވި ފަރާތަކީ ﷲ އެވެ. އަދި ކަންކަން ވަކިކޮށް އިޚްތިޔާރު ކުރުމުގެ ބާރު ދެއްވީ ﷲ އެވެ. ﷲ ވަޙީ ކުރައްވައެވެ. (وما تشاءون إلا أن يشاء الله رب العالمين)މާނައަކީ: "ޢާލަމްތަކުގެ ވެރި މާތް ﷲ އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުން އެކަން ނޭދޭނޫއެވެ". (ސޫރަތުއް ތަކްވީރުގެ 29 ވަނަ އާޔަތް).
• ގަދަރުގައިވާ ކަންކަމުގެ ތެރެއިން އަޅުގަޑުމެންނަށް އެގެނީ މާތް ﷲ އަންގަވައިދެއްވި ކަމެއް އެކަނި ކަމާއި، އަޅުގަޑުމެންނަށް ނޭނގޭ ބައިވަރުކަންތައްތަކެއް ވާ ކަން ގަބޫލުކުރުން، އަދި އެކަންތަކަށް ފުރިހަމަ އަށް އީމާންވުން. އަދި އަޅުގަަޑުމެންގެ ކޮށި ސިކުނޑިތަކުން ﷲ ގެ ޙުކުމްފުޅުތަކާއި މެދުގައި ޖަދަލުކޮށް ނުހެދުން. ކޮންމެ ކަމެއްވެސް ނިމިގެން ދަނީ މާތް ﷲ ގެ ޢަދްލުވެރިކަމުގެ ތެރެއިން، އެކަލާންގެ މޮޅަށް ދެނެވޮޑިގެންވާ ޙިކްމަތެއްގެ ދަށުންކަން ގަބޫލު ކުރުން. އެކަލާންގެ ކުރައްވާ އެއްވެސް ކަމަކާއި މެދު ސުވާލު ނުވެވޭނެ ކަން ގަބޫލު ކުރުން.
މި ބަޔާން ކުރެވުނީ ގަދަރަށް އީމާންވުމުގެ މައްސަލާގައި ސަލަފުއްޞާލިޙީންގެ މަންހަޖު ކުރުގޮތަކަށެވެ.
ޣައިބަށް އީމާންވުން:
ޣައިބަކީ އަޅުގަޑުމެންގެ ލޮލަށް ނުފެންނަ ކަންތަކެވެ. ޣައިބުގެ ޢިލްމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޚާއްޞަ ވެގެންވާ ޢިލްމެކެވެ. ކީރިތި ގުރްއާނގެ އައްނަމްލު ސޫރަތުގެ 65 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (قُلْ لَا يَعْلَمُ مَنْ فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّهُ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ފިޔަވައި އުޑުތަކާއި ބިމުގައިވާ އެކަކަށްވެސް، ޣައިބުގައިވާ އެއްވެސްކަމެއް ނުއެނގެއެވެ. އަދި މަރުވުމަށްފަހު ފުރާނަ އަޅުއްވައިހުށީ ކޮންއިރަކުންކަމެއް، އެމީހުންކުރެ އެކަކަށްވެސް ނުމެއެނގޭމެއެވެ".
އަދިވެސް އަލްއަންޢާމް ސޫރަތުގެ 59 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَعِنْدَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ وَمَا تَسْقُطُ مِنْ وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُبِينٍ) މާނައަކީ: "ޣައިބުގެ ތަޅުދަނޑިތައްވަނީ، އެކަލާންގެ ޙަޟްރަތުގައެވެ. އެކަލާންގެ ރަސްކަންފުޅަށް މެނުވީ އެކަންތައް (ޣައިބުގައިވާ ކަންތައް) އެނގިގެން ނުވެއެވެ. އެއްގަމާއި ކަނޑުގައިވާ ކަންތައް އެކަލާންގެ ދެނެވޮޑިގެންވެއެވެ. އެކަލާންގެ އެކަން ދެނެވޮޑިގެންވާ ގޮތުގައި މެނުވީ، ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރި ކަމުގެ ތެރޭގައިވާ އޮށްޓަރެއްވިއަސް، އަދި ރޯ(ތެތް) އެއްޗެއްވިއަސް، ހިކިއެއްޗެއްވިއަސް، ފޮތެއްގައި ކަނޑައެޅި ބަޔާންވެގެންވާ އެއްޗެއް މެނުވީ ނުވެއެވެ.
އެހެންކަމުން ޣައިބުގައިވާ ކަންތަކަކީ ނުވަތަ ލޮލަށް ފެންނަން ނެތް ކަންތަކަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޚާއްޞަވެގެންވާ ޢިލްމެކެވެ.
ޣައިބު ދެބަޔަކަށް ބެހިގެންވެއެވެ. އެއީ:
1. އަލްޣައިބުލް މުޠްލަގް: ނުވަތަ، ﷲ ފިޔަވައި އުޑުތަކާއި ބިމުގައިވާ އެއްވެސް ފަރާތަކަށް އެކަމުގެ ޢިލްމު ލިބިގެން ނުވާ ކަންތަކެވެ.
2. ޣައިބު ނިސްބީ: މާނައަކީ ބައެއް މީހުންނަށް އެނގި އަނެއްބައި މީހުންނަށް ނޭގުމެވެ. މިގޮތުން ނޭގޭބައެއްގެ ޙައްގުގައި އެކަމެއްވާނީ ޣައިބުގައިވާ ކަމަކަށެވެ.
މުސްތަގްބަލުގައި ވާނޭ ކަންތަކުގެ ގޮތުގައި ބައެއް ކަހީނުން ބުނެދޭ ވާހަކަ ތަކަކި ޣައިބުގެ ތެރޭގައި ހިމެނޭ ކަންތަކެއް ނޫނެވެ. ޙަގީގަތުގައި އެމީހުން މަދުފަހަރެއްގައި ތެދެއް ހެދިނަމަވެސް ގިނަފަހަރަށް ހަދަނީ ދޮގެވެ. ކަހީނުން ޚަބަރު ހޯދަނީ ޖިންނިންގެ ފަރާތުންނެވެ. ޖިންނިން ޚަބަރުތައް ދޭ އިރުގައި އެތައް ސަތޭކަ ދޮގުތަކެއް ހަދައެވެ. ޖިންނިންނަށް ޚަބަރު ލިބެނީ މަލާއިކަތް ބޭކަލުން ދައްކަވާ ވާހަކަތައް އަޑުއަހައިގެންނެވެ. އެހެންނަމަވެސް މަލާއިކަތުންނަށް އެކަމެއްގެ ޙަގީގަތް އެގެނީ ވެސް މާތް ﷲ އެބޭކަލުންނަށް އެކަމެއް އެންގެވުމަށްފަހުގައެވެ. އޭގެ ކުރިއަކުން ނޭގެއެވެ. އެހެންކަމުން، އެއީ ޣައިބަކަށް ނުވެއެވެ. والله تعالى أعلم.
އެޑިޓަރުގެ ނޯޓް: ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފަކީ ފިގްހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ދީނީގޮތުން ދިވެހި ރައްޔިތުންނަށް އޮޅުން އަރާފައިވާ ގިނަގުނަ ކަންތައްތަކެއް އޮޅުންފިލުވައިދެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ.