ހަފްތާ 14 ގެ މެނިފެސްޓޯގައި ހިމަނާ އަދި ރައީސް މުއިއްޒުގެ ސަރުކާރުން ވެރިކަމަށް އައިސް، މަޖިލީހަށް ހުށަހެޅި ފުރަތަމަ ބިލު ކަމަށްވާ ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު ބިލު އިއްޔެ މަޖިލިހުން ބޭރުކޮށްލުމުން ރައީސް މުއިއްޒު ނުރުހުން ފާޅު ކުރައްވައިފިއެވެ.
ރޭ ބޭއްވުނު ޕީއެންސީގެ މަޖިލިސް ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ތަރައްގީއަށް ހުރަސް އަޅާ ބަޔަކު މަޖިލީހަށް ހޮވާނީ ތޯ، ނުވަތަ ނޫން ތޯ ވިދާޅުވެ ނުރުހުން ފާޅު ކުރައްވާފައެވެ. އަދި ރައްޔިތުން އެއީ ނިންމަން ޖެހޭކަމަށް ވިދާޅުވެ ރައީސް މުއްޒު ވިދާޅުވީ އެސްޑީއެފް ބިލު ބޭރު ކުރުމަށް ފަހު އިންސާފުވެރިކަމުގެ ވާހަކަތައް ދެއްކުމުގެ ހައްގެއް ވެސް ނެތްކަމަށެވެ.
ރައްޔިތުންގެ ހައްގުގައި ގައުމުގެ އިގްތިސޯދު ހަރުދަނާ ކުރުމަށްޓަކައި އަޅުގަނޑުމެން ފެށި އެންމެ މުހިންމު އެއް މަސައްކަތް ސްވޮރިން ފަންޑު އަލުން ވަރުގަދަކޮށް އެ ފަންޑަށް ހާއްސަ ގާނޫނެއް ފާސްކުރަން. އެ މަސައްކަތް ކުރުމަށް ހަފްތާ 14 ގެ މެނިފެސްޓޯގައި އެންމެ މުހިންމު ފުރަތަމަ ބިލެއްގެ ގޮތުގައި މަޖިލީހަށް ވެއްދިބިލަކީ އެއީ. މިއަދު އެ ބިލު މަޖިލީހުން އެ ވަނީ ބޭރުކޮށްލާފަ. ދޭނެ އެއްވެސް ޖަވާބެއް ނޯންނާނެ އިންސާފުވެރިކަމާއެކު ވާހަކަދައްކާ އެއްވެސް ބޭފުޅަކަށް. ރައްޔިތުން އެބަޖެހޭ އެ ބޭފުޅުންގެ ގައިރު ޒިންމާދާރު އަމަލަށް ޖަވާބު ދެއްވަން
ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.
އެސްޑީއެފް ބިލަކީ ގައުމުގެ އިގްތިސާދު ހަރުދަނާކޮށް، ހަމައަކަށް އެޅުވުމަށް ފެށި އެންމެ މުހިންމު މަސައްކަތްކަމަށާއި އެ ފަންޑަށް ހާއްސަ ގާނޫނެއް ފާސް ކުރުން އެއީ ސަރުކާރުގެ ވައުދެއްކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ހަފްތާ 14 ގެ މެނިފެސްޓޯގައި ހިމަނާ އަދި ރައީސް މުއިއްޒުގެ ސަރުކާރުން ވެރިކަމަށް އައިސް، މަޖިލީހަށް ހުށަހެޅި ފުރަތަމަ ބިލު ކަމަށްވާ ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު ބިލު އިދިކޮޅު ގިނަ މެމްބަރުން އިއްޔެ މަޖިލިހުގެ ފްލޯގައި ވޯޓު ދީފައި ނުވާއިރު، އެބިލަށް ވޯޓު ދިނުމަށް ސަރުކާރަށް ނިސްބަތްވާ އެއްވެސް މެމްބަރަކުވެސް މަޖިލިހަށް ހާޒިރުވެފައި ނުވެއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ފުރަތަމަ ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު ބިލު މަޖިލީހަށް ބަލައިގަތުމަށް އިއްޔެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވީ އެންމެ ދެ މެމްބަރުންނެވެ. އެއީ ކެލާ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފާއި، މާފަންނު މެދު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
ވޯޓަށް އެހި ވަގުތު ސަރުކާރު ތަމްސީލު ކުރާ ޕާޓީގެ އެއްވެސް މެމްބަރެއް މަޖިލީހަށް އެވަގުތު ހާޒިރުވެ ނެތެވެ.
މި ބިލަށް އެހިއިރު، އެވަގުތު ތަޅުމުގައި އެމްޑީޕީއާއި ޑިމޮކްރެޓްސްގެ 28 މެމްބަރުން ތިބި ނަމަވެސް ކެލާ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފާއި، މާފަންނު މެދު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)ފިޔަވާ އެހެން އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.
އެގޮތުން ބޮންޑޭއާއި، ޝަރީފްގެ ވޯޓު ވީ އެއްވަރެވެ. އަދި މަޖިލިހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް ސަލީމް ވިދާޅުވީ މަޖިލީހުގެ ތާރީހުގައި ވެސް މިފަދަ ގޮތަކަށް ވޯޓެއްގެ ނަތީޖާ ނިކުމެފައިވާކަމަށް ހީނުވާ ކަމުގައެވެ.
އަދި މިއީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަކަށްވުމާއެކު އިއްޔެ އެ ބިލަށް ވޯޓަށް އެހުން އޮންނާނެކަމަށް ސަލިމު ތަކުރާރުކޮށް ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް ވޯޓު ވަގުތު ޖެހުނު އިރު ސަރުކާރަށް ނިސްބަތްވާ އެއްވެސް މެމްބަރަކު ތަޅުމުގައި ހާޒިރުވެ ނެތްކަން ސަލީމް ފާހަގަ ކޮށްފައިވެއެވެ.
އަދި ރިޔާސަތުގެ ވޯޓާއެކު މަޖިލިހުން ނިންމީ ބިލް ބަލައި ނުގަތުމަށެވެ.
ސަރުކާރަށް މުހިންމު ބިލެއް ފާސްކުރުމަށް ވޯޓު ދެއްވަން ސަރުކާރަށް ނިސްބަތްވާ އެއްވެސް މެމްބަރަކު އިއްޔެ މަޖިލީހަށް ހާޒިރު ވެފައި ނުވާއިރު، ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ތެރޭގައި މިހާރު ތިއްބެވި ގިނަ މެމްބަރުންނަކީ އެމްޑީޕީ ދޫކޮށް ޕީއެންސީއާއި ގުޅުނު މެމްބަރުންނެވެ.