ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވާ ޕާޓީން ވަކިވުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް އެކުލަވާލާފައިވާ އެންޓި ޑިފެކްޝަން ބިލުގެ މަސައްކަތް ވަގުތީ ކޮމިޓީއަކަށް ފޮނުވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލިހުގެ ފްލޯއިން އެބިލު ބަލައިގަތުމަށް ފާސްވީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ އިއްތިފާގުންނެވެ.
އެހެންނަމަވެސް ބިލް ވަގުތީ ކޮމިޓީއަކަށް ފޮނުވުމާއެކު މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވިއެވެ. އަދި ބިލް ކޮމިޓީއަކަށް ފޮވުމަށް ނެގުނު ވޯޓުގައި އެންމެ ފަހު ޑިމޮކްރެޓްސްއައި ޕީއެންސީ ބައިވެރި ވެފައެއް ނުވެއެވެ.
މަޖިލީހުގެ މި ދައުރު އަންނަ މެއި މަހަށް ނިމޭތީ ބިލުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ހުށަހެޅި އެ ހުށަހެޅުން ފާސްވީ 29 މެންބަރުންގެ ވޯޓުންނެވެ. އެގޮތަށް ހުށަހެޅުއްވީ އެމްޑީޕީގެ މެމްބަރު ޝާހިދުއެވެ.
ނަމަވެސް، ޕީއެންސީގެ ޕީޖީ ލީޑަރު ފޮނަދޫ ދާއިރާ މެންބަރު މޫސާ ސިރާޖު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ދާއިމީ ކޮމިޓީތަކެއް އެކުލަވާލެވިފައިވާއިރު، މިފަދަ ބޮޑު މައްސަލައެއް ދާއިމީ ކޮމިޓީއަކަށް ނުފޮނުވާ، ވަކި ކުޑަ ކޮމިޓީއެއް ހަދައިގެން ގެންދިޔުމަކީ ޕީއެންސީން ތާއީދު ކުރާ ކަމެއް ނޫން ކަމުގައެވެ.
ޑިމޮކްރެޓްސްއިން ބުނެފައިވަނީ އެ ޕާޓީން ބޭނުންވަނީ ހުރިހާ ޕާޓީއެއްވެސް ތަމްސީލުކުރާ ގޮތަށް ކޮމިޓީ އެކުލަވާލުމަށް ކަމުގައެވެ. އެހެންނަމަވެސް ހުރިހާ ޕާޓީތަކެއް ހިމެނޭ ކޮމިޓީއެއް އެކުލަވާލުމާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް އެއްބަސްވުމަކަށް ނާދެވުމާއެކު ރިޔާސަތުގައި އިންނެވި ސަލީމް ވޯޓަށް އެއްސެވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ހަތް މެންބަރުންގެ ކޮމިޓީ ފާސްކުރުމަށެވެ.
އޭނާ ވިދާޅުވީ އެ ނޫން ގޮތަކަށް ތާއީދު ކުރާކަށް ޕީއެންސީން ބޭނުމެއް ނުވި ކަމަށާއި ހުރިހާ ޕާޓީތައް އެކުލެވޭގޮތަށް ކޮމިޓީ އެކުލަވާލުމަށް އެހެން ޕާޓީތަކުން ތާއީދު ނުލިބު ކަމަށެވެ.
އެގޮތުން ރިޔާސަތުގައި އިންނެވޮ ސަލީމް ވިދާޅުވީ، މިހާރު ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް މަޖިލީހުން ފާސްކޮށްފައިވާ ކަމަށާއި އެހެންކަމުން މިކަމުގައި އިތުރަށް ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް ކަމަށެވެ. އެގޮތުްނ ޝަފީގު ހުށަހެޅުއްވި ވަގުތީ ކޮމިޓީއަށް ވޯޓަށް އެހުމުން އެކޮމިޓީ ފާސްވިއެވެ.
އެ ކޮމިޓީގައި ހިމެނޭ މެންބަރުންނަކީ:
-
1- ބިލު ހުށަހެޅުއްވި މެންބަރު އަހުމަދު އަބްދުﷲ
-
2- ފުނަދޫ ދާއިރާގެ މެންބަރު އަހުމަދު ޝާހިދު
-
3- މަނަދޫ ދާއިރާ މެންބަރު އަހުމަދު ހާރޫން
-
4- ކެލާ ދާއިރާ މެންބަރު އިބްރާހިމް ޝަރީފް
-
5- ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ
-
6- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު
-
7- ދާންދޫ ދާއިރާ މެންބަރު އަބްދުﷲ ޔައުގޫބު