މާލޭގެ މަގު ހެދުމުގެ އަމަލީ މަސައްކަތްތައް ފެށުމުގެ، ޗައިނާގެ ޓީމަކުން ރާއްޖޭގައި މިހާރު ދަނީ ފަންނީ މަސައްކަތްތައް ކުރަމުން ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އަންނަ މަހު ބާއްވާ މަޖިލިސް އިންތިހާބުގައި، މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު އަހުމަދު ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވަން ޗާންދަނީ މަގުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރޭގެ ހަފްލާގައު ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މާލޭގެ ހުރިހާ މަގުތަކެއް ޗައިނާއިން ހިލޭ ހަދައިދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، އެކަމަށްޓަކާ ކުރިޔަށް ގެންދަންޖެހޭ ފަންނީ މަސައްކަތްތައް ކުރުމަށް ޗައިނާގެ ޑެލިގޭޝަންއެއް މިހާރު ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑު ވަރަށް އުފަލާ އެކު މި ދަންނަވަނީ، ޗައިނާ ސަރުކާރުން ހިލޭ އެހީގައި، ހިލޭ އެހީގައި މުޅި މާލެ ސިޓީގެ ހުރިހާ މަގުތަކެއް ހަދާ ގޮތަށް މިހާރު ހަމަޖެހިފައި އޮތީ،.. "ޗައިނާގެ ޑެލިގޭޝަން ކަމާ ބެހޭ ޓީމް މިހާރު ރާއްޖޭގައި އެބަ އުޅޭ، އެ ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ކޮށް ނިމުމުން އެ މަސައްކަތް އަމަލީ ގޮތުން ފެށިގެންދާނެ.
ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި ދަތުރުފުޅުގައި ހަމަޖެހިގެން ދިޔަ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ އިސްކަންދޭ މަޝްރޫއަކީ މާލޭގެ މަގު ހެދުމުގެ މަޝްރުއޫ ކަމަށް ރައީސް މީގެކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.
އިންފަރާސްޓްރަކްޗަރ މިނިސްޓްރީން ކުރިޔަށް ގެންދާ މަޝްރޫޢުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ފާއިތުވި ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުއްތަލިބު ވިދާޅުވެފައިވަނީ މިހާރު ޓާގެޓަކީ މާލެ އަދި ވިލިމާލޭގެ މަގުތައް ހެދުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ފެށިގެން ދިއުންކަމުގައެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތްތަކަކީ ސަރުކާރު ބަޖެޓުން ކުރާ މަސައްކަތްތަކެއްނަމަ މިހާރުވެސް މަސައްކަތް ފެށިގެން ދާނެކަމަށާއި، އެހެންނަމަވެސް ރައީސް މުއިއްޒު އެންމެ ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު، ޗައިނާއިން ދޭ ހިލޭ އެހީގެ ދަށުން އެމަސައްކަތް ކުރުމަށް ނިންމަވާފައިވާ ކަމުގައެވެ.