ބައްޕަ ވަކިވެ، ކެރިއަރު ހުއްޓި، މާޔޫސްވެ، އުންމީދު ގެއްލުނު ލެވޮންޑެސްކީ ދުނިޔޭގެ އެންމެ އުހަށް

ބައްޕަ ވަކިވެ، ކެރިއަރު ހުއްޓި، މާޔޫސްވެ، އުންމީދު ގެއްލުނު ލެވޮންޑެސްކީ ދުނިޔޭގެ އެންމެ އުހަށް

Author
އިބްރާހީމް ސާޢިދު
18 ޑިސެމްބަރ 2020 03:17
0

ދުނިޔޭގެ ތާރީހުވެސް ދުށް އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށް ގިނަ ބަޔަކު ހެކިވާ ރޮނާލްޑޯއާއި މެސީ ފަހަށް ޖައްސާލައި، ދުނިޔޭގެ އެއްވަނައަށް އެރުމަށް ލެވަންޑޮސްކީ ކުރީ ބުރަ ދަތުރެކެވެ.

މިދިޔަ ސީޒަނުގައި ކުޅުނު 47 މެޗުން 55 ގޯލު ޖެހީ ބަޔާން މިއުނިކާއެކު ތިންތަށި ހޯދި ލެވަންޑޮސްކީގެ އެވޯޑަށް ފާޑުކިޔާނެ، ސުވާލު އުފައްދާނެ ގިނަ ބަޔަކު ނެތެވެ. އެހިސާބަށް އުމުރުން 32 އަހަރުގެ ލެވަންޑޮސްކީ ދިޔައީ އުނދަގޫ މަގަކުންނެވެ. ހާލުގައި އުޅުނު ދިރިއުޅުމުގެ ފިލާވަޅުތަކުންނެވެ.

ލެވަންޑޮސްކީގެ އުމުރުން 17 އަހަރުގައި، 2005 ވަނަ އަހަރު އޭނާގެ ބައްޕަ ޒިސްޓޯފް މަރުވިއެވެ. އެ ދުވަސްވަރަކީ ޕޮލެންޑްގެ ހަތަރު ޑިވިޝަންގައި ކުޅެމުންދިޔަ ކުޑަކުޑަ ކްލަބެއް ކަމަށްވާ ލެގިއާއަށް ލެވަންޑޮސްކީ ދިޔަ ދުވަސްވަރެވެ. ލެވަންޑޮސްކީ ލެގިއާގެ ރިޒާވް ޓީމުގައި ކޮންމެ މެޗެއްގައިހެން ކުޅެން ފެށި އިރަށް އޭނާ މާޔޫސްކޮށްލީ ބޮޑު ކަކުލުގެ އަނިޔާއެކެވެ. ކަކުލުގެ އަނިޔާއެއްގައި ލެވަންޑޮސްކީ ހުއްޓައި، އެ ކްލަބުން ނިންމީ ކްލަބުގެ ކުރިމަގަށް އޭނާ ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ލެވަންޑޮސްކީ ޓީމުން ބޭރުކޮށްލިއެވެ.

ލެގިއާއަށް ލެވަންޑޮސްކީ ކުޅުނު މެޗެއްގެ ތެރެއިން

އެ ވަގުތުކޮޅަކީ ލެވަންޑޮސްކީގެ މުޅި ފުޓުބޯޅަ ކެރިއަރުގައިވެސް އެންމެ ނާއުންމީދީ އެއް ވަގުތުކޮޅެވެ. އެންމެ ގާތުން އެކުގައި ހުރީ މަންމައެވެ. ބައްޕަގެ ވަކިވުމާއެކު، ކެރިއަރު ހުއްޓި، މުޅިން މާޔޫސްވެ، އުންމީދު ގެއްލުނީއެވެ.

ފުޓުބޯޅަ ކުޅުމަށް ދެކެމުންދިޔަ ހުވަފެނުގައި ކުލަ ޖެއްސޭނެ އެއްވެސް ގޮތެއް ނެތިފައި ހުރި ފޯވަޑް، ލެވަންޑޮސްކީ ދެން ގުޅުނީ އެގައުމުގެ ތިންވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ނިކްސް ރުސްޒޯވްއާއެވެ. އެ ކްލަބުން ލެވަންޑޮސްކީ ގެންދިޔައީ އެއްހާސް ޕައުންޑްގެ އަގަކަށެވެ. ލެވަންޑޮސްކީއަށް އޭރު މަހެއްގެ މައްޗަށް ދިން މުސާރައަކީ 230 ޕައުންޑެވެ.

ފުރަތަމަ ސީޒަންގައިވެސް 15 ގޯލު ޖަހައި ލެވަންޑޮސްކީ ވަނީ އޭނާގެ ކްލަބު ދެވަނަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދީފައެވެ. އެ ކްލަބުގެ ރައީސަކަށް އޭރު ހުރި މަރެކް ސްލިވިންސްކީ ވިދާޅުވެފައިވާ ގޮތުގައި ލެވަންޑޮސްކީ އަކީ އެ ކްލަބުގެ "ގޯލްޑް ފިޝް" އެވެ.

ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވެ ގައުމީ ޓީމަށް ނަގައިފިއެވެ. ސަން މެރީނޯއާ ދެކޮޅަށް 2010 ވަނަ އަހަރު ގައުމީ ޖާޒީގައި ލެވަންޑޮސްކީ ނުކުމެފައިވާ އިރު، މިއަދު އޭނާއަކީ ރެކޯޑް ގޯލް ޖެހުންތެރިޔާގެ އިތުރުން ގައުމީ ޓީމުގެ ކެޕްޓަނެވެ.

ޕޮލެންޑުގެ ކެޕްޓަނަކީ މިހާރު ލެވަންޑޯސްކީ

ޕޮލެންޑްގެ ފުރަތަމަ ދެ ސީޒަންގައި ވިދާލައި، ބޮޑު ޓްރާންސްފާއަކަށް ލެވަންޑޮސްކީ ތައްޔާރުވިއެވެ. އޭރު އިނގިރޭސި ފުޓުބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ބްލެކްބާންރޯވާސްގެ ޓްރާންސްފާއަކަށް ލެވަންޑޮސްކީ ތައްޔާރުވެ، އެކުލަބާއެކު އެެއްބަސްވުމަކަށް ނުދެވިގެން އުޅިނެކޮށް އައިސްލޭންޑްގެ ޖަފްޖައްލަޖޮއްކުލް އަލިފާން ފަރުބަދަ ގޮވައި، ޔޫރަޕްގެ އެ ސަރަހައްދުތަކުގެ ވައިގެ ދަތުރުފަތުރު ހުއްޓުނެވެ.  ފަހުން ޑޯޓުމަންޑުން 4.5 މިލިއަން ޕައުންޑަށް ލެވަންޑޮސްކީ ގަތެވެ.

އޭރު ލެވަންޑޮސްކީއަކީ ޔާގަން ކްލޮޕްގެ ފުރަތަމަ ފެވަރިޓެއް ނޫނެވެ. އުނދަގޫ ހާލަތަކުން ޓީމަށް އަރައި، މަދު ދުވަސްކޮޅަކުން ތަފާތު ދެއްކިއެވެ. 13-2012 ވަނަ އަހަރުގެ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ރެއާލް މެޑްރިޑް ކޮޅަށް ހަތަރު ގޯލް ޖަހައި، މުޅި ދުނިޔެއަށް އޭނާ ވިދާލިއެވެ.

ލެވަންޑޯސްކީ ފީފާގެ އެވޯޑާއިއެކު،

އޭގެ އަހަރެއް ފަހުން ބަޔާނަށް ބަދަލުވެ، ނުވަ މިނެޓް ތެރޭ ވުލްވްސްބާގް ކޮޅަށް ފަސް ގޯލު ޖަހައި، 2015 ވަނަ އަހަރު ދުނިޔޭގެ ރެކޯޑު ފޮތުންވެސް ޖާގަ ހޯދިއެވެ.

ގައުމީ ޖާޒީގައި ކުޅުނު 116 މެޗުން 63 ގޯލް ޖަހާފައިވާ ލެވަންޑޮސްކީއަކީ މިއަދު ގައުމު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.