119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: 2 މީހުން ސަލާމަތްވެ އެކަކު އުމުރަށް ޖަލަށް

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: 2 މީހުން ސަލާމަތްވެ އެކަކު އުމުރަށް ޖަލަށް

މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންތަކުގައި 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހު ފުލުހުން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުލަތުން ދައުވާކުރި ތިން މީހުންގެ ތެރެއިން އެކެއްގެ މައްޗަށް ކުށް ސާބިތު، ދެ މީހަކު ސަލާމަތް ވެއްޖެއެވެ.

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ން 14 އަށް މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ 51 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެކެވެ.

އެމީހުންނަކީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަޙްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދެވެ.

މި އޮޕަރޭޝަންތަކުގައި މާލޭގެ ތިން ގެއަކާއި ހުޅުމާލޭގެ ގެއަކާއި ޓެކްސީ އަކާއި ޕްރައިވެޓް ކާރެއް އަދި ތިން ސައިކަލް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. މިގޮތުން ޑިސެމްބަރު 12 ވަނަ ދުވަހު މާލެއިން ޓެކްސީއެއް ހުއްޓުވައި ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ދެ މީހަކު ފުލުހުން ހައްޔަރު ކުރިއެވެ. އަދި އެއަހަރުގެ ޑިސެމްބަރު 13 ވަނަ ދުވަހު ސައިކަލެއް ބަލައިފާސްކޮށް، ސައިކަލްގެ މަޑިދަށުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާއިރު، ޑިސެމްބަރު 14 ވަނަ ދުވަހު މައްސަލައާ ގުޅުންހުރި އިތުރު މީހަކު ހައްޔަރުކޮށް ހުޅުމާލެއިން ކާރެއް ހުއްޓުވައި ފުލުހުން ބަލާ ފާސްކުރިއެވެ. އަދި އެކާރު ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލާގެ ތުހުމަތު 5 މީހުންނަށް ކުރެވުނެވެ. ނަމަވެސް ފުލުހުން ހައްޔަރުކުރީ މި ތިން މީހުން އެކަންޏެވެ.

ތިން މީހުންގެ މައްޗަށްވެސް ދައުލަތުން ކުރީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެބެ. މިމައްސަލާގައި އިއްޔެ ހުކުމް ކުރިއިރު ކުށް ސާބިތުވާކަމަށް ނިންމީ ދައުވާ ލިބޭ މީހުންގެ ތެރެއިން އަލީ ޒުބައިރުގެ މައްޗަށް އެކަންޏެވެ.

އޭނާގެ މައްޗަށް ދައުވާ ސާބިތުވާކަމަށް ނިންމާފައިވަނީ މަސްތުވާތަކެތީގެ ގާނޫނުގެ 105 ވަނަ މާއްދާ އާއި 137 ވަނަ، 146 ވަނަ، އަދި 105 ވަނަ މާއްދާގެ ދަށުންނެވެ. އަދި ކޯޓުންވަނީ އޭނާ އުމުރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.

ހުކުމް ކުރިއިރު ވަނީ ޝަރުއީ މަރުހަލާގައި ޒުބައިރު ޖަލުގައި ހޭދަކުރި މުއްދަތު އުނިކޮށްފައި ވެއެވެ. އެއީ ދެ އަހަރާއި ތިން މަހާއި އަށް ދުވަހެވެ. ރާއްޖޭގައި އުމުރަށް ޖަލަށް ލުމުން ޖަލުގައި ތަންފީޒު ކުރަން ޖެހެނީ 25 އަހަރެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ ސުނައިނު އާއި، ޒުބައިރު އަދި މުޖާހިދު އާ ދެކޮޅަށް ދައުލަތުން 56 ހެއްކެއް ހުށަހެޅިއެވެ. އެހެން ނަމަވެސް މައްސަލާގައި ދައުވާކުރި ސުނައިހު އާ މުޖާހިދުގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ނިންމީ ދައުލަތުން ހުށަހެޅި ސީސީޓީވީ ފޫޓޭޖްތަކުން ފެންނަނީ އެ ދެމީހުންކަމަށް ކަށަވަރު ނުކުރެވޭތީއެވެ.

އޭގެ އިތުރުން އަދި ކޯލް ރެކޯޑިން އާއި ސެލް ލޮކޭޝަން އެނގޭނެ ލިޔުމާއި ނަންބަރުތަކުގެ ވެރިފަރާތްތައް އެނގޭނެ ލިޔުންތައް ކޯޓަށް ހުށަހަޅާފައިނުވާކަން ފާހަގަކޮށްފައިވެއެވެ. އަދި ހުކުމުގައި ބުނެފައިވަނީ ފެނުނު މަސްތުވާތަކެތި ބަންދުކޮށްފައި ހުރި ޕެކެޓުން ފެނިފައިވަނީ ހަމަ އެކަނި ޒުބައިރުގެ އިނގިލީގެ ނިޝާން ކަމުގައެވެ.

ގާޒީ އިބްރާހިމް އިހުސާން ކުރެއްވި ހުކުމުގައި ފާހަގަ ކޮށްފައިވާ ގޮތުގައި މި ތިން މީހުން އެކަކު އަނެކަކާއި ވާހަކަ ދެއްކިކަންވެސް ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވެއެވެ. މިމައްސަލަ އެންމެ ފުރަތަަމަ ބެއްލެވީ ގާޒީ ދީބާނާޒް ފަހުމީއެވެ. ގާޒީ އިބްރާހިމް އިހުސާން މައްސަލަ ބަައްލަވަން ފެއްޓެވީ ގާޒީ ދީބާނާޒް ފަހުމީ ބަދަލުވުމާއި ގުޅިގެންނެވެ.

މަސްތުވާތަކެތީގެ ގާނޫނު ބުނާ ގޮތުން 4 ގުރާމަށްވުރެ ގިނައިން މީހެއްގެ އަތުން މަސްތުވާތަކެއްޗެއް ފެނިއްޖެ ނަމަ އެއީ ޓްރެފިކް ކުރުން ކަމަށް ކަނޑައެޅިދާނެއެވެ. ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު އެއް ލައްކާ ރުފިޔާ އާއި 10 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *