މަޖިލިސް އިންތިޚާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާނެ

މަޖިލިސް އިންތިޚާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާނެ

Author
ހުސެއިން
18 މާރޗް 2024 12:16
0

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް އިން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވާ އަދަދުތައް ތިރީގައި މިވަނީއެވެ.

  1. މާލެ: 181 ފޮށި
  2. ހުޅުމާލެ: 51 ފޮށި
  3. ވިލިމާލެ: 9 ފޮށި
  4. އަނތޮޅުތެރެ: 319 ފޮށި
  5. ޖަލުތައް: 5 ފޮށި
  6. ރިސޯޓުތައް: 34 ފޮށި
  7. ރާއްޖެއިން ބޭރުގައި: 3 ފޮށި

މިމަހު 17 ވަނަ ދުވަހު ބާއްވަން ކުރިން ހަމަޖެހިފައި އޮތް މަޖިލިސް އިންތިހާބު އަންނަމަހުގެ 21 ވަނަ ދުވަހަށް ފަސްކުރިއިރު، އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ވޯޓް ފޮށި ބެހެއްޓުމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހު ފަސްކުރުމާއި ގުޅިގެން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓްލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަން ކޮމިޝަނުން އަލުން ހުޅުވާލުމުން ބޭރުގައި ބަހައްޓާ ފޮށީގެ އަދަދު ވަނީ އިތުރުވެފައެެވެ.

އިލެކްޝަންސް ކޮމިޝަންސްގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ފޮށި ބަހައްޓާނެ ގައުމުތައް ކަނޑައެޅީ ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރީރަޖިސްޓްރީވި މީހުންގެ ނިސްބަތަށް ބެލުމަށްފަހުކަމަށެވެ. އެގޮތުން މަޖިލިސް އިންތިހާބުގައި ވޯޓްލުމަށް ފޮށި ބަހައްޓާނީ އިންޑިއާގެ ޓްރިވެންޑްރަމްއާއި ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިއާގެ ކުއަލަލަމްޕޫރުގައިކަމަށް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޭރު ޤައުމުތަކުގައި ވޯޓު ފޮށި ބަހައްޓަނީ މަދުވެގެން 150 މީހުން ވޯޓުލާން ރަޖިސްޓްރީ ކުރުމުންކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ލަންޑަނާއި ޔޫއޭއީގެ އަބޫ ދާބީގެ އިތުރުން ތައިލެންޑުގައި ވޯޓުލުމަށް ބައެއް މީހުން ރީ-ރަޖިސްޓްރީވިނަމަވެސް ވޯޓު ފޮށި ބެހެއްޓޭ އަދަދަށް މީހުން ރަޖިސްޓްރީވެފައި ނުވާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

ރިސޯޓްތަކުގައި ބަހައްޓާ ފޮށިތަކަށް އަލިއަޅުއްވާލައްވަމުން ޒަކަރިއްޔާ ވިދާޅުވީ ރިސޯޓްތަކުގައި ވޮޓު ފޮށި ބަހައްޓަނީ އެ ރިސޯޓެއްގައި ވޯޓްލުމަށް މަދުވެގެން 30 މީހުން ރީ- ރަޖިސްޓްރީވުމުންނެވެ. އެގޮތުން މިފަހަރުގެ މަޖިލިސް އިންތިހާބުގައި 34 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެކަމަށާއި މިއީ އިންތިހާބު ފަސްކުރުމުގެ ކުރިން ފޮށި ބަހައްޓަން ނިންމާފައިވާ ރިސޯޓްތަކުގެ އަދަދާއި އަޅާބަލާއިރު 7 ރިސޯޓްގެ އިތުރުވުމެކެވެ.

އީސީން ބުނެފައިވަނީމއަންނަ މަހު 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީސް އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައި އޮތް ތަން ނޫން އެހެން ތަނަކަށް ރީރަޖިސްޓާކުރަން ހުޅުވައިލި މުއްދަތުގައި އީފާސް މެދުވެރިކޮށް އަދި އޮންލައިންކޮށް ރީރެޖިސްޓްރޭޝަން ފޯމު ހުށަހަޅާފައިވަނީ ޖުމުލަ 11،169 މީހުން ކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 21 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެއެވެ. މި އިންތިހާބުގައި ސިޔާސީ ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތްނުވާ ބޭފުޅުން ހިމެނޭގޮތަށް ޖުމްލަ 371 ކެންޑިޑޭޓުން ވާދަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.