މަޖިލިސް އިންތިޚާބަށް އޮބްޒާވަރުންނާއި މޮނިޓަރުން ހޯދަން އިއުލާން ކޮށްފި

މަޖިލިސް އިންތިޚާބަށް އޮބްޒާވަރުންނާއި މޮނިޓަރުން ހޯދަން އިއުލާން ކޮށްފި

Author
ހުސެއިން
18 މާރޗް 2024 12:15
0

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބަށް އޮބްޒާވަރުންނާއި މޮނިޓަރުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ 2024 އެޕްރީލް 21 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމާއި މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2024 މާރިޗު 19 ވާ އަންގާރަ ދުވަހުގެ 9:30 ން ފެށިގެން، 2024 މާރިޗު 21 ވާ ބުރާސްފަތި ދުވަހުގެ 13:30 އާ ހަމަޔަށް އިތުރު ފުރުޞަތެއް ހުޅުވާލާފައިވާ ކަމަށެވެ.

މަޖިލިސް އިންތިޚާބު އޮބްޒާވްކޮށް އަދި މޮނިޓަރ ކުރުމުގެ ހުއްދަ ދޭގޮތަށް ހަމަޖެހިފައިވަނީ އިލެކްޝަންސްއިން ކަނޑައަަޅާފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

އޭގެ ތެރޭގައި އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައިވުމާއި އަދި ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޛުކުރެވެމުންދާ މީހެއް ކަމުގައިނުވުން ހިމެނެއެވެ.

މޮނިޓަރުންގެ ގޮތުގައާއި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީ-މެއިލް މެދުވެރިކޮށެވެ. އަދި އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގޭ) ގެ ރިސެޕްޝަނުން ފޯމް ބަލައިގަތުމުގެ އިންތިޒާމް 2024 މާރިޗު 19 ވާ އަންގާރަ ދުވަހުގެ  9:30 ން ފެށިގެން، 2024 މާރިޗު 21 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 13:30 އާ ހަމަޔަށް ހަމަޖެހިފައި ހުންނާނެ ކަމަށްވެސް އީސީން ބުނެފައި ވެއެވެ.

މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރުމަށް ހަމަޖެހިފައިވަނީ އީސީގެ [email protected] އީ-މެއިލަށެވެ.

މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މި ކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.