އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ ކުރެހުމަށް ބަދަލު ގެންނަން ނިންމައިފި

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ ކުރެހުމަށް ބަދަލު ގެންނަން ނިންމައިފި

Author
ހުސެއިން
17 މާރޗް 2024 01:30
0

އަރަބިއްޔާ ސްކޫލުގެ އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބިން ސާވޭ ކުރިއިރު ބިމުގައި ލޭންޑް ފިލްކުރަން ނުވަތަ ޝީޓްޕައިލް ކުރަން ޖެހޭތީ އެ ސްކޫލުގެ ކުރެހުމަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ ޑިޒައިނަށް ބަދަލުތަކެއް ގެންނަން ނިންމާފައިވި ނަމަވެސް އެ ސްކޫލުގެ މިހާރުގެ ކުރެހުމަށް ބޮޑެތި ބަދަލުތަކެއް ނުގެންނާނެ ކަމުގައެވެ.

ޑިޒައިނަށް ބަދަލެކޭ މި ދަންނަވަނީ ސުކޫލެއްގައި ހުންނަންޖެހޭ ކޮމްޕޯނެންޓެއް މަދެއްނުވާނެ. ކޮންސެޕްޓަކަށްވެސް މާބޮޑު ބަދަލެއް ނާންނާނެ.
މިނިސްޓަރު ވިދާޅުވި އެވެ.
ކުރީ ސަރުކާރުން އަރަބިއްޔާ ސްކޫލު 6 ފަންގިފިލާއަށް އަޅަން ނިންމި ނަމަވެސް މި ސަރުކާރުން ނިންމާފައިވަނީ އެ ސްކޫލު 10 ފަންގިފިލާގެ އިމާރާތެއްގެ ގޮތުގައި އަޅާށެވެ. އަދި ސްކޫލު އިމާރާތް 2 އަހަރު ތެރޭ ނިންމުމަށްވެސް ވަނީ ޕްލޭން ކޮށްފައެވެ.

އަދި މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަރަބިއްޔާ ސްކޫލުގެ އަމަލީ މަސައްކަތް ފެށުމަށްވެސް މި ސަރުކާރުން ނިންމާފައިވެއެވެ.

އެގޮތުން އަރަބިއްޔާ ސްކޫލު އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވަނީ ކުރީގެ ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށްޓެވެ.

އަރަބިއްޔާ ސްކޫލު އެޅުމުގެ އަމަލީ މަސައްކަތް ފެށުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން އެކުލަވާލާފައިވާ "ހަފްތާ 14″ގެ ތެރޭގައި ހިމަނާފައިވާ މަސައްކަތެކެވެ.

އަރަބިއްޔާ ސްކޫލު ޖާގައިގެ ގޮތުން ތަނަވަސް، އެކަށޭނެ ބޮޑު ބިމެއްގައި އިމާރާތްކޮށް، ފުޅާ ދާއިރާއެއްގައި އަރަބި ބަހުން ތައުލީމުދެވޭ މަރުކަޒަކަށް އެތަން ބަދަލުކުރުމަކީ، ޑރ. މުއިއްޒުގެ "ދިވެހީންގެ ރާއްޖެ" މެނިފެސްޓޯގައި ހިމަނާފައިވާ ރިޔާސީ ވައުދެއްވެސް މެއެވެ.

އަރަބިއްޔާ ސްކޫލު ހިންގާނެ ދާއިމީ އިމާރާތެއް ނެތުމުގެ ޝަކުވާ އެސްކޫލުގެ ބެލެނެވެރިން ކުރަމުންދާތާ އެތައް ދުވަހެއް ވަނީ ފާއިތުވެގެން ގޮސްފައެވެ. އަދި އެ ޝަކުވާތަކަށް މިއަދާއި ހަމައަށްވެސް އެކަށީގެންވާ ހައްލެއް ލިބިފައި ނުވިނަމަވެސް، ރައީސް މުއިއްޒުވަނީ ފާއިތުވި ރިޔާސީ ކެމްޕޭންގައި، އެ ޝަކުވާތަކަށް ހައްލު ހޯދާދީ އަރައްބިއްޔާއަށް ޖާގައިގެ ގޮތުންވެސް ތަނަވަސް ފުރިހަމަ އިމާރާތެއް އަޅާދޭނެ ކަމަށް ވައުދު ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.