ރާއްޖޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސްބީއައިގައި ހުރި ބޭނުން ނުކުރާތާ 5 އަހަރަށްވުރެ ގިނަ ދުވަސްވީ އެކައުންޓްތައް އުވާލާނެކަން އަންގާ އެ ބޭންކުން އިއުލާން ކޮށްފިއެވެ.
އެސްބީއައިއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ބޭންކިންއާއިބެހޭ ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން، އެކައުންޓަކުން އެއްވެސް މުއާމަލާތެއް ނުކުރާތާ ނުވަތަ ބޭންކަަށް ލިޔުމަކުން އެއްވެސް އެއްޗެއް އަންގާފައި ނުވާޔާ 5 އަހަރު ދުވަސް ވެފައިވާ އެކައުންޓަކީ ޑޯމަންޓް އެކައުންޓެއްގެ ގޮތުގައި ބެލޭނެ ކަމަށެވެ.
އެ ބޭންކުން ބުނެފައިވަނީ ޑޯމަންޓް އެކައުންޓެއް އޮތްނަމަ ނުވަތަ އޮތްކަމަށް ގަބޫލުކުރެވޭނަމަ އެ ފަރާތަކުން ބޭންކަށް އެންގުމަށެވެ.
އަދި ޑޯމަންޓް އެކައުންޓުގެ ތަފްސީލު އެ ކަސްޓަަމަރު އެންމެ ފަހުން ބޭންކަށް ދީފައިވާ އެޑްރެހަށް ވަކިން އަންގާފައި ނުވަތަ އަންގަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެސްބީއައިއިން ބުނެފައިވަނީ 15 މޭ 2024 ގެ ކުރިން އެކައުންޓެއްގެ ވެރިފަރާތުން ބޭންކާ އެއްވެސް މުއާމަލާތެއް ނުކޮށްފިނަމަ ބޭންކުން އެފަދަ އެކައުންޓުތައް ބަންދުކޮށް، ދިވެހިރާއްޖޭގެ ބޭންކިންއާއިބެހޭ ގާނޫނުގައި ވާގޮތުގެ މަތިން އެ އެކައުންޓުތަކުގައިވާ ފައިސާ އެމްއެމްއޭއާ ހަވާލު ކުރާނެކަމަށެވެ.