ޖަލު ހުކުމެއްގައި ހުންނެވި ޔާމިން ކެމްޕޭން އިވެންޓެއްގައި ބައިވެރިވި މައްސަލަ ބަލަނީ

ޖަލު ހުކުމެއްގައި ހުންނެވި ޔާމިން ކެމްޕޭން އިވެންޓެއްގައި ބައިވެރިވި މައްސަލަ ބަލަނީ

Author
ހުސެއިން
12 މާރޗް 2024 12:30
0

ޖަލުހުކުމެއްގެ ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ރަށު ބަންދަށް ދޫކޮށްލެއްވި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ރަށު ބަންދާއި ހިލާފުވި މައްސަލައެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބަލަން ފަށައިފި އެވެ.

ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމިން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުއްދަ ނެތި، ޕީއެންއެފްގެ ތާއީދާއެކީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރައްވަމުން ގެންދަވާ ކެނޑިޑޭޓުންގެ މަޖިލިސް ކެމްޕޭނުގައި ބައިވެރިވެވަޑައިގެންނެވީ ރޭގައެވެ.

އެގޮތުން ރައީސް ޔާމިން ރޭވަނީ ހުޅުމާލޭގައި އޮތް ކެމްޕޭން އިވެންޓެއްގައި ބައިވެރިވަޑައިގެންފައެވެ. ރައީސް ޔާމިން ރޭ ބައިވެރިވަޑައިގެންފައިވަނީ އެ މަނިކުފާނުގެ ތާއިދާއެކު ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް އަހުމަދު ލަތީފްގެ ކެމްޕޭނުން ބޭއްވި މާހެފުމެއްގައެވެ.

މި އިވެންޓުގައި ރައީސް ޔާމިން ވާހަކަ ދައްކަވާފައި ނުވިނަމަވެސް، އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން މި އިވެންޓުގައި ޕޯޑިއަމްގައި ވާހަކަ ދައްކާފައިވެސް ވެއެވެ.

ކަރެކްޝަންސްއިން ބުނެފައިވަނީ މި އިވެންޓުގައި ބައިވެރިވުމަށް އެމަނިކުފާނު ކަރެކްޝަންސްގެ ހުއްދަ ހޯއްދަވާފައި ނުވާކަމުގައެވެ.

މިކަމާއި ގުޅޭގޮތުން ކަރެކްޝަންސްއިން މިއަދު ބުނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ބޭއްވި ހަރަކާތުގައި ރައީސް ޔާމީން ބައިވެރިވީ އުސޫލާ ހިލާފަށް ކަމަށާއި އެމައްސަލަ ބަލާނެ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިޚާބު ކާމިބު ކުރެއްވުމަށްފަހު ރައީސް ޔާމިންވަނީ ޖަލުން ގެއަށް ބަދަލު ކޮށްފައެވެ. އަދި އެއަށްފަހު ކަރެކްޝަންސްއިން ވަނީ ކަސްރަތު ކުރުމަށާއި ސިއްހީ ސަބަބުތަކަށާއި މުހިންމު ކަންކަމަށް މީހުންނާ ބައްދަލުކުރުމުގެ ހުއްދަ އެމަނިކުފާނަށް ދީފައެވެ. އަދު އެ ސަބަބުތަކަށް މާލޭ ސަރަހައްދުގައި ގެންއިން ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ރައީސް ޔާމިނަށް ދީފައިވި ނަމަވެސް، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެ އުޅުމުގެ ހުއްދަ އެމަނިކުފާނަށް ދީފައެއް ނުވެއެވެ.

އެހެންނަމަވެސް ފަހަކަށް އައިސް ރައީސް ޔާމިންވަނީ ޕީއެންއެފްގެ ހަރުގޭގައި ބާއްވާ އިވެންޓުތަކުގައި ބައިވެރިވެ، ޕޯޑިއަމްގައި ވާހަކަ ދައްކަވާ މީހުންގެ ވާހަކަތަކަށް ކުރާ ކޮމެންޓްތަކުގައި ވާހަކަ ދައްކަމުން ގެންގޮސްފައެވެ. އެ ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވުން ކަރެކްޝަންސްއިން މިހާތަނަށް ހުއްޓުވާފައެއް ނުވެއެވެ.

ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ޑިސެމްބަރު 25، 2022ގައި ހުކުމްކުރީ، ފަތުރުވެރިކަމަށް އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދެ ދައުވާ ވެސް ސާބިތުވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.