ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ފޮނުވާ މީހުން ހޮވައިފި

ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ފޮނުވާ މީހުން ހޮވައިފި

Author
ހުސެއިން
10 މާރޗް 2024 05:30
0

ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ގެންދަން ނިންމާފައިވާ 50 މީހުން ކަނޑައަޅައިފި އެވެ.

ހިލޭ 1،000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން އެންމެ ފުރަތަމަ ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވަނީ 50 މީހުންނެވެ. އަދި އެކި އަހަރުތަކުގައި މި އަދަދު އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ސަރުކާރުގެ ހަރަދުގައި 50 މީހުން ހައްޖަށް ފޮނުވާއިރު ބަލާނީ ފަގީރުންގެ ދަފްތަރަށެވެ. ފަގީރުންގެ ދަފުތަރުގައި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ 982 މީހުން ތިބި ނަމަވެސް ގުރުއަތުލުން މިއަދު ބާއްވާފައިވަނީ އޭގެތެރެއިން ޝަރުތު ހަމަވި 667 މީހުންގެ މެދުގަ އެވެ.

މީގެއިތުރުން މި 50 މީހުންގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ ހައްޖަށް ނުދެވޭ ހާލަތެއްގެ މެދުވެރިވެއްޖެނަމަ، އެމީހުންގެ ބަދަލުގައި ފޮނުވާނެ 10 މީހުން ވެސް ވަނީ ގުރުއަތުން ހޮވާފަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ރައީސް މުއިއްޒު ވަނީ ހައްޖު ކޯޕަރޭޝަން ހިންގަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށާއި ހައްޖު ފަންޑުން އިންވެސްޓުކޮށް ނަފާ ހޯދައި މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް އެ ކުންފުނި ހަދަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އޭރުން ހައްޖަށް ދާ އަގުތައް ކުޑަވެގެންދާނެ ކަމަށާއި އޭގެ ނަތީޖާއަކަށް ވެގެންދާނީ ވެރިކަމުގެ ފުރަތަމަ އަހަރު ވެސް ހައްޖަށް ދާ އަގުތައް ކުޑަވެގެންދިޔުން ކަމަށް މުއިއްޒު ވިދާޅުވި އެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.