އެމްޑީޕީގެ ސަރުކާރުން ހަވާލުކުރި ގޯއްޗާއި ފްލެޓް 3 މަސް ތެރޭ ނުދެވެންވީ ސަބަބެއް ނެތްކަމުގައި ކުރީގެ ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ފަލާހުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ގިރާވަރުފަޅު އަދި ހުޅުމާލެއިން އިތުރަށް ބިން ހިއްކައިގެން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް އެމްޑީޕީގެ ސަރުކާރުން ކުރަމުން އައި މަސައްކަތައް މިހާރު ހުރީ ހުއްޓިފައިވާކަމުގައެވެ.
އަދި މި ސަރުކާރުން ގޯއްޗާއި ފްލެޓް ނުދިނުމަށް ދައްކަމުންދަނީ ހުސް ބަހަނާ ކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.
ތިން މަސް ދުވަސްތެރޭގައި މިކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް.
ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސާލިހު ވިދާޅުވީ ގޯއްޗާއި ފްލެޓް ދިނުމުގައި މި ސަރުކާރުން އަމަލު ކުރަމުން ދަނީ ކެމްޕޭންގައި ވައުދުވި ގޮތާއި ޚިލާފަށް ކަމުގައެވެ. އެގޮތުން އެއްވެސް ރައްޔިތަކަށް ދިން ގޯއްޗާއި ފްލެޓް، ހުޅުމާލެއިންނާއި ގުރާވަރު ފަޅުން ގޯތި ހޯދުމަށް ދޫކޮށްލާން ނުޖެހޭނެކަމަށް އޭރު ވައުދުވި ނަމަވެސް ހައުސިން މިނިސްޓްރީން މިހާރު ސިޓީ ކައުންސިލަށް ސިޓީ ފޮނުވާފައިވާ ގޮތުން ބިން ކޮޅެއް ލިބިފައިވާނަމަ އެ ބިން ދޫކޮށްލަންޖެހޭނެކަަމަށް ޖެހޭ ކަމަށެވެ.
ކެމްޕެއިން ތެރޭގައި ވަރަށް ސާފުކޮށް ވިދާޅުވީ މާލޭގެ އެއްވެސް ރައްޔިތަކު އެމީހަކަށް ލިބިފައިވާ ބިންކޮޅު ދޫކޮށްލާކަށް ނުޖެހޭނޭ ގުޅީފަޅާއި ނޫނީ ގިރާވަރުފަޅު ނޫނީ ހުޅުމާލެ އިން ގޯއްޗެއް ހޯދާކަށް. އެހެންނަމަވެސް ހައުސިން މިނިސްޓްރީން މިހާރު ސިޓީ ކައުންސިލަށް ސިޓީ ފޮނުވާފައިވަނީ އޭގެ ދިމާ އިދިކޮޅަށް. ބިންކޮޅެއް ލިބިފައިވާނަމަ އެ ބާތިލުކުރެވޭނެކަމަށް.
ރައީސް ސޯލިހު ވިދާޅުވި އެވެ.