ރައީސް މުއިއްޒުގެ ކެބިނެޓްގައި ހިމެނޭ ވަޒީރެއް ކަމުގައިވާ އާދަމް ޝަރީފް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ދަތްދޮޅު ދުވާލަފާނެކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަކީ ކަޅުތެޔޮ ޖެހުންފަދަ އަމަލްތަކަށް ހިތްވަރު ލިބޭ ވާހަކަތަކެއް ކަމަށާއި، އެފަދަ ވާހަކަތަކާއި މިފަދަ އަމަލުތަކާއި ގުޅުން ހުންނާނޭ ކަމުގައި ކުރީގެ ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގަލޮޅު ދެނުކު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައް މީކާއިން ނަސީމްގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އާދަމް ޝަރީފް ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެންވެސް ދެއްކެވީ މަޖިލިސް މެމްބަރުންގެ ދަތްދޮޅު ދުއްވާލުމުގެ ވާހަކަ ކަމަށާއި، ދާދިފަހުންވެސް ވިދާޅުވީ މެމްބަރުންގެ ދަތްދޮޅި ދުއްވާލާނެ ވާހަކަމަށެވެ.
އަނެއްކާ އިއްޔެ ހަމަ އެވާހަކަ ތަކުރާރު ކުރެއްވީ. ރައްޔިތުންގެ މަޖިލިހުގައި އޮޕޯޒިޝަންގައި އެތިބި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން، ތިމަންނަ އެތާ އިންނަމަ ހިތައް އަރައޭ ދަތްދޮޅި ދުއްވާނުލާ ތިމަންނައަށް ހުރެވޭނެބާއޭ. އަޅުގަޑު ހިތައް އަރާ މިއީ ކޮންކަހަލަ ގުޅުމެއްބާއޭ މިބޭފުޅާއާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ދަތްދޮޅިއާއި މިއޮންނަނީ. މިކަހަލަ ބިރުވެރި ވާހަކަތަކެއް ރައީސް ޑރ. މުއިއްޒާއި އާދަމް ޝަރީފް ދެއްކުމަށް ފަހުގަ މިއަދު އަޅުގަޑުމެންނަށް ފެނިގެން މިދިޔައީ އަޅުގަޑުމެންގެ ކެނޑިޑޭޓެއްގެ ގަޔަށް ކަޅުތެޔޮ ޖެހިތަން. މި އެއްޗެހީގަ ހުންނާނެ ގުޅުމެއް. އެ ހިތްވަރެއް އެލިބެނީ މިކަން ކުރަން ބޭނުންވާ ބަޔަކަށް. ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބަވާ ބޭފުޅުން ރައްޔިތުންގެ މަޖިލިހުގެ ބާރު ކަނޑުވާލާ އަގުވައްޓާލާ، ކުރާކަމަށް ވަންޏާ އެކަހަލަ ކަންތައްތައް މަގުމަތިން ފެންނާނެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.
އެހެންނަމަވެސް އާދަމް ޝަރީފް ފަހުން ވިދާޅުވެފައިވަނީ މަޖިލިސް މެމްބަރުންންގެ ދަތްދޮޅި ދުއްވާލާނެކަމަށް ވިދާޅިވެވުނީ އެއީ އޭނާއަށް ނިސްބަތްކޮށް ކިޔާވަނަމަކަށް ވަތީ މަޖާޒީ ގޮތުން ކަމުގައެވެ. އާދަމް ޝަރީފް ކުރެއްވި ޓޫވީޓެއްގައި އޭނާ ވިދާޅުވީ ދަތްދޮޅި ދުއްވާލާނެކަމްށް ވިދާޅިވެވުނީ އެއްވެސް މީހަކަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައި ނޫންކަމުގައެވެ.
މަޖިލިހުގެ މެމްބަރެއްގެ ގޮތުގައޮ މިހާރު އޭނަ ހުރިނަމަ، މިހާރު ތިބި މެމްބަރުންގެ ދަތްދޮޅި ދުއްވާނުލާ ނުހުރެވުނީސް ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ރައީސް މުއިއްޒު މ. ދިއްގަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީސަރުކާރަށް ހުރަސްއަޅައި ރައްޔިތުންގެ ހިދުމަތްތައް ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިވަގުތު އަމަލު ކުރަމުންދާ ގޮތުން އެ މެންބަރުންގެ ދަތްދޮޅި ދުއްވާ ނުލައި ހުރެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ރައީސްގެ ތަސައްވަރާއި އެމަނިކުފާނުގެ ސިޔާސަތުތައް ތަންފީޒު ކުރަން ވަރަށް ގިނަ ގޮންޖެހުންތައް މަޖިލިހުގެ ތެރެއިން ކުރިމަތިވަމުން ދާއިދިއުމެވެ.
ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު މިއަދު އެތަނުގައި ހުރި ނަމަ، އެއިން މީހެއްގެ ދަތްދޮޅި ދުއްވައި ނުލައި ހުރެވޭނެބާއޭ.
އާދަމް ޝަރީފް ވިދާޅުވި އެވެ.
މެމްބަރުންގެ ދަތްދޮޅި ދުއްވާލާނެކަމަށް ވިދާޅުވެ އާދަމް ޝަރީފް އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ރައީސް ޔާމިންގެ ވެރިކަމުގައި އޭނާ ޑިފެންސް މިނިސްޓަރުކަމުގައި ހުންނަވަނިކޮށް އޭރުގެ ސަރުކާރާ ދެކޮޅަށް މަޖިލިހުހެ ތެރެއިން ޕާޓީ ބަދަލުކުރި 12 މެމްބަރުންނަށް އިންޒާރު ދެއްވަމުންނެވެ.