ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުން ދިޔަ 527 ބިދޭސީއަކު ފޮނުވާލާ، 290 ބިދޭސީއަކު ޑީޕޯޓުކޮށް؛ ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުންދިޔަ 817 ބިދޭސީއަކު، މި ސަރުކާރުން ދައުލަތާ ހަވާލުވިފަހުން ރާއްޖެއިން ބޭރަށް ފުރުވާލައިފައިވާނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ނުބަލާ އޮތް އޮތުން ނިމުމަކަށް ގެނެސް، މިފަދަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން، 'ނެޝަނަލް ޓާސްކް ފޯސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް' އެކުލަވާލިފަހުން، އިމިގްރޭޝަނުން މިހާތަނަށް ޖުމްލަ 22 އޮޕަރޭޝަނެއް ހިންގާފައިވާނެކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ. މީގެއިތުރުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އަދި އިމިގްރޭޝަންގެ އިންޓެލިޖެންސާއި ގުޅިގެން ޖުމްލަ 15 އޮޕަރޭޝަނެއް ހިންގާފައިވާނެކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ފުލުހުންނާއި ހޯމް މިނިސްޓަރީ އަދި އިމިގުރޭޝަނުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިމިގުރޭޝަނުގެ ކޮންޓުރޯލަރު، މުހައްމަދު ޝައްމާން ވިދާޅުވީ ބޭރަށް ފުރުވާލި ބިދޭސީންގެ ތެރެއިން 527 މީހުންނަކީ ރީ އިންޓަގުރޭޝަން ޕުރޮގުރާމުގެ ދަށުން ފުރުވާލި ބިދޭސީން ކަމަށެވެ. ބާކީ 290 މީހުން ކުރީ ޑީޕޯޓު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި އެތައް ދުވަހެއްގެ ހުއްޓުމަކަށްފަހު، މިފަދަ އޮޕަރޭޝަންތައް ހިންގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ފުރުވާލުމުގައި މި ވޭތުވެދިއަ 3 މަހެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ ފާހަގަކުރައްވާފައެވެ.
މިހާތަނަށް ފުރުވާލާފައިވާ ބިދޭސީންގެ ތެރޭގައި، ގަވާއިދާ ހިލާފަށް، ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި، އެކިއެކި ކުށްތަކަށް އަރައިގަނެފައިވާ ބިދޭސީން ހިމެނެއެވެ. އެގޮތުން، ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ އަދި ހަށިވިއްކުމުގެ ވިޔަފާރީގައި ޝާމިލުވާ ބިދޭސީން މި އޮޕަރޭޝަންތަކުގައި ވަނީ ޑީޕޯޓު ކޮށްފައެވެ.
ބޭރަށް ފުރުވާލި ބިދޭސީންގެ ތެރޭގައި އެކި ކުށްތަކަށް އަރައިގަނެފައިވާ ބިދޭސީން ވެސް ހިމެނޭ ކަމަށް ޝައްމާން ވިދާޅުވި އެވެ. އެގޮތުން ވައްކަމާއި މަސްތުވާތެކެތީގެ މައްސަލަތަކުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި ބައިވެރިވާ ބިދޭސީން އޭގެތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައި ވެސް އެފަދަ އޮޕަރޭޝަންތައް ހިންގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެމީހުން ބޭރަށް ފުރުވައިލުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ޝައްމާން ދެއްވިއެވެ.
ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން އެތެރެވުމުގެ މައްސަލައަކީ ދެހާހުގެ ފަހުކޮޅުން ފެށިގެން ބޮޑުވެފައިވާ މައްސަލައެެއް ކަމަށްވާއިރު، އެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގެ ސަރުކާރުތަކުން ވަނީ ނުކުޅެދިފައެވެ.
އެހެންނަމަވެސް، މި ސަރުކާރުން ބިދޭސީންނާ ގުޅޭ ހުރިހާ ކަމެއް ހޯމް މިނިސްޓްރީގެ ދަށަށް ގެނެސް ކުރަމުން އަންނަ މަސައްކަތުގައި، ގިނަ ކުރިއެރުންތަކެއް އަންނަނީ ހޯދަމުންނެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ "ބިދޭސީންގެ މައްސަލަ" އަށް، އެއް އަހަރުގެ ތެރޭގައި ޖުމްލަ ހައްލެއް ގެނައުމަށްޓަކައި، ބޮޑު ޕްލޭނަކާއެކު މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ދާޚިލީ ވަޒީރު އިހުސާން ވިދާޅުވެފައިވެއެވެ.
އެގޮތުން ކުރެވޭ މަސައްކަތެއްގެ ގޮތުގައި، 100 އިންސައްތަ ބަޔޯމެޓްރިކް ނިޒާމެއްގެ ތެރެއިން، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރާނެކަމާއި، ރާއްޖޭގެ ކޮންތަނަކު ތިބީ ކާކުކަން، ފިންގާޕްރިންޓް އިން ދެނެގަނެވޭނެ ނިޒާމެއްގެ ތެރެއިން ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ