ވޯޓުލުމުގެ ހައްގު ލިބޭ އިތުރަށް ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ވޯޓުލުމުގެ ހައްގު ލިބޭ އިތުރަށް ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

Author
ހުސެއިން
05 މާރޗް 2024 10:13
0

2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އަށް އިތުރުވާ ފަރާތްތަކުގެ ލިސްޓު އިލެކްޝަންސް ކޮމިޝަންއިން އާންމު ކޮށްފިއެވެ.

މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓު (www.gazette.gov.mv) ގައި، ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) ގައި އަދި، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައިވެސް ވަނީ އާންމު ކޮށްފައެވެ.

އަދި މި ލިސްގައި ހުރި މައުލޫމާތު (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެ ގޮތްވެސް ވަނީ ހަދާފައެވެ.

މިލިސްޓަށް ޝަކުވާ ހުށަހަޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ 2024 މާރިޗު 05 އިން 2024 މާރިޗު 07 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލަކު ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. އަދި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.

ކުރިން މި މަހު ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލީހުުގެ އިންތިހާބު އަންނަ އެޕްރީލަށް ފަސްކުރުމާ ގުޅިގެން ވޯޓްލުމުގެ ހައްގު ލިބޭ މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ.

ކުރިން އިންތިހާބު ބާއްވަން ނިންމީ މި މަހުގެ 17 ގަ އެވެ. ނަމަވެސް ރޯދަ މަހާ އިންތިހާބު ދިމާވާތީ، އިންތިހާބާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެން މިހާރު އިންތިހާބު ބާއްވަން ނިންމާފައިވާތީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އެޕްރީލް މަހުގެ 21 ގަ އެވެ.

އެހެންވެ ތާރީހަށް މި އައި ބަދަލާ އެކީ އެހާތަނަށް ވޯޓްލެވޭ މީހުންގެ ޖުމްލަ އަދަދަށް 560 މީހަކު ވަނީ އިތުރު ވެފައެވެ.

އިސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އަލަށް ނިންމި ތާރީހާ އެކީ އިންތިހާބު އޮންނަ ދުވަހާ ހަމައަށް 18 އަހަރުފުރޭ މީހުންނާ އެކު ޖުމްލަ ވޯޓު ލެވޭ މީހުންގެ ޖުމްލަ އަދަދު 28،4887 އަށް އަރާނެ ކަމަށެވެ.

ވިހި ވަނަ މަޖިލިސް އިންތިހާބުގެ 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. މީގެ ތެރޭގައި ގިނައީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.