ރީ ރެޖިސްޓްރީވާން ލިބޭނީ ތިން ދުވަސް

ރީ ރެޖިސްޓްރީވާން ލިބޭނީ ތިން ދުވަސް

Author
ހުސެއިން
01 މާރޗް 2024 03:34
0

ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނަ އޭޕްރިލްއަށް ފަސް ކުރުމުން، ދެން ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލާނީ ތިން ދުވަސްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.

ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔޭ ރޭ ތަސްދީގު ކުރެއްވުމާއި އެކު އިލެކްޝަންސް ކޮމިޝަނުން ނިންމީ އޭޕްރިލް 21 ގައި އިންތިހާބު ބޭއްވުމަށެވެ. ތާރީހަށް މިއައި ބަދަލާއި އެކު ދެން ކޮމިޝަނުން ކުރާނެ މަސައްކަތްތަކަކީ ކޮބައިތޯ “ސަންގު” އިން ސުވާލު ކުރުމުން ހަބީބް ވިދާޅުވީ އެ ތާރީހުގެ މުއްދަތާއި ދެމެދު އަލަށް 18 އަހަރުވާ ކުދިން ތިބުމާއި އެކު އައު ވޯޓާސް ލިސްޓެއް އާންމު ކުރާނެ ކަމަށެވެ.

ވޯޓުލުމަށް ފަހު، ކަރުދާސް ދެއްކުން ނުވަތަ ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުން އާންމުކަމަކަށްވެފައިވާއިރު ހަބީބް ވިދާޅުވީ އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ. އެގޮތުން ވޯޓު ކަރުދާސް ހާމައަށް ފެންނަ ގޮތަށް ގެންގުޅުން، ނުވަތަ ފޮޓޯ ނެގުން އެއީ ކުށެއްކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ހަބީބް ވިދާޅުވީ މަޖިލިސް އިންތިހާބަށް އޮފިޝަލުންގެ ތަމްރީނުތައް ރޯދަ މަހުގެ ކުރިން ނިންމާނެ ކަމަށެވެ. އަދި އިދާރީ ގޮތުން ކުރަންހުރި މަސައްކަތްތައް ވެސް ޭގެ ކުރިޔަށް ނިންމާނެކަމަށް ވިދާޅުވި އެވެ.

މާޗް މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބު ރޯދަ މަސް ތެރޭ ނުބޭއްވޭ ގޮތަށް އިންތިހާބުތަކާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސް ތަސްދީގު ކުރައްވާފައިވަނީ ބަންޑާރަ ނާއިބު، އަހުމަދު އުޝާމް އެގޮތަށް ލަފާދެއްވުމާއި ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.