މަޖިލިސް އިންތިހާބު ފަސް ކުރާ ބިލް ރައީސް ތަސްދީގު ކުރައްވައިފި

މަޖިލިސް އިންތިހާބު ފަސް ކުރާ ބިލް ރައީސް ތަސްދީގު ކުރައްވައިފި

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބު ފަސްކުރާ ބިލް ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ. ރައީސް މުއިއްޒު މި ބިލް ފާސްކުރުމާއެކު، އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފަ އޮތް އިންތިޚާބު ދެން އޮންނާނީ އަންނަ ރޯދަމަސް ނިމި 10 ދުވަސް ފަހުންނެވެ.

މަޖިލިސް އިންތިޚާބު ފަސްކުރާގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި އިންތިހާބުތަކާއި ބެހޭ ޤާނޫނަށް ގެނައު އިސްލާހުގެ ބިލު ރައީސް ތަސްދީގު ކުރެއްވީ ބަންޑާރަ ނާއިބު، އަހުމަދު އުޝާމް އެގޮތަށް ލަފާދެއްވުމާއި ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު އަނބުރާ އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުވާލެއްވުމުން، އިތުރު ބަދަލެއް ނުގެނެސް އެ ބިލު މަޖިލީހުން އަނެއްކާވެސް ފާސްކުރީ އިއްޔެއެވެ.

މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހުރަސް އެޅިދާނެ ކަމަށް ބުނެ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލީ މިދިޔަ އާދީއްތަ ދުވަހެވެ.

އިތުރު ބަދަލެއް ނުގެނެސް އެ ބިލު އިއްޔެ މަޖިލީހުން ފާސް ކުރީ 47 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްނުކުރަން ވޯޓުދިނީ 14 މެންބަރުންނެވެ.

ރޯދައިގެ ފަހުން އިންތިހާބު ބާއްވާ ގޮތަށް މަޖިލީހުން ފާސްކުރި އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ  ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާލެއްވީ މިމަހުގެ 26 ވަނަ ދުވަހުއެވެ.

އަލުން ވިސްނާވަޑައިގަތުމަށް އެދި ރައީސް އަނބުރާ އެ ބިލް މަޖިލީހަށް ފޮނުއްވިކަން ހާމަކުރަމުން ރައީސް އޮފީހުން ބުނީ އެ ބިލް ތަސްދީގުނުކުރައްވައި އަނބުރާ ފޮނުވާލީ ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ހ. ގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ކަމަށެވެ.

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" ކަމަށެވެ.
ކުރިޔަށް އޮތް މަޖިލިސް އިންތިހާބު މާޗް 17 ގައި ބޭއްވުމަށް ކަނޑައަޅާފައިވީ ނަމަވެސް މަޖިލީހުން ފާސްކޮށްފައިވާ އިސްލާހުގައި އޮތީ އެއްވެސް އިންތިހާބެއް ރޯދަ މަހުގެ ދުވަހެއްގައި ނުބޭއްވޭނެ ކަމަށެވެ. އަދި އެއްވެސް އިންތިހާބެއް ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ އެ އިންތިހާބެއް ބާއްވަން ޖެހޭނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *