މަޖިލިސް އިންތިޚާބު ފަސްކުރާ ބިލާއި ގުޅޭގޮތުން ބަންޑާރަނައިބުގެ ލަފާ ހޯދަނީ

މަޖިލިސް އިންތިޚާބު ފަސްކުރާ ބިލާއި ގުޅޭގޮތުން ބަންޑާރަނައިބުގެ ލަފާ ހޯދަނީ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ލަސްކުރުމަށް ލާޒިމްވާގޮތަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލަށް އަމަލު ކުރުމުގެ ކުރިން ބަންޑާރަނައިބުގެ ލަފާ ހޯއްދެވުމަށް މިހާރު ހުށަހަޅުއްވާފައިވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ،

އުތުރުގެ ހަތަރު އަތޮޅަކަށް މިދިޔަ ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި ނ. ކެނދިކުޅުދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ގާނޫނު އަސާސީއާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި، ކުރައްވާ ހުރިހާ ކަމެއްވެސް ކުރައްވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާއަށް ތަސްދީގުކުރުން މަޖުބުރުވާގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނު ތަސްދީގު ކުރުމުގެ ކުރިން ބަންޑާރަނައިބުގެ ލަފާ ހޯއްދަވަން ޖެހިވަޑައިގަތް ސަބަބެއްގެ ކަމުގައި ރައީސް މުއިއްޒު ފާހަގަ ކުރެއްވީ މިއަދު ސުޕްރިމް ކޯޓުން އިއްވި ހުކުމެވެ.

އެގޮތުން ރައީސް މުއިއްޒު ފާހަގަ ކުރެއްވީ ސުޕްރިމް ކޯޓުން މިއަދު ކުރެއްވި ހުކުމް ފާހަގަވި ކަމަކީ 80 މެމްބަރުންނަކީ މަޖިލިހުގެ މެމްބަރުންގެ އަދަދު ކަމަށް ބަލައިގެން މަޖިލީހުން ނިންމާ ނިންމުންތައް ސައްހަ ނުވާނޭކަން ކަމުގައެވެ.

އެހެންކަމުން މަޖިލީހުން ފާސްކޮށްފައިވާ އިންތިޚާބު ފަސްކުރާ ބިލަށް އަމަލު ކުރަންވީގޮތެއްގެ ލަފާ ބަންޑާރަނައިބުގެ އަރިހުން ހޯއްދަވަނީކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

80 މެމްބަރުން ކަމަށް ބަލައިގެން ނިންމާ ކޮންމެ ނިންމުމެއް ގާނޫނުއަސާސީއާ ހިލާފު ވާނެ. މަޖިލީހުގެ އަދަދަކީ 87 ކަމަށް ސުޕްރީމް ކޯޓުން ނިންމީ. އެހެންވީމާ އަޅުގަނޑު ގާނޫނުއަސާސީއާ އެންމެ ތަންފުކެއް ވެސް ހިލާފު ނުވާނަން. އެހެންވީމަ ބަންޑާރަ ނައިބުގެ ގާނޫނީ ލަފައަށް އަޅުގަނޑު މިހާރު ވާނީ ދަންނަވާފައި. އެއީ މިކަހަލަ ނިންމުމެއް ނިންމީމަ ސުވާލު އުފެދޭ 80 މެމްބަރުންނަށް ބަލައިގެން އިއްޔެގެ މައްސަލަ އާއި އޭގެ ކުރީގެ މައްސަލަތައް ނިންމާފައި ހުރެއްޖެ ނަމަ، އެ ނިންމި މައްސަލަތަކާ މެދުގައި ގާނޫނީ ހައިސިއްޔަތާ މެދުގައި ސުވާލު އެބަ އުފެދޭ.

ރައީސް ވިދާޅުވިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *