ސިވިލް ސާވިސް މުވައްޒިފުންގެ މުސާރަ ބޮޑު ކޮށްދިނުމަށް އެދި ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. މި ޕެޓިޝަން ހުށަހަޅާފައިވަނީ ފާއިތުވި ހަފްތާގެ ބުދަ ދުވަހުއެވެ.
މި ޕެޓިޝަން ހުށެހެޅުމުގައި މަސައްކަތް ކުރި ފަރާތަކުން "ޚަބަރު އޮންލައިން"އަށް މައުލޫމާތު ދިން ގޮތުގައި، ރައީސް އޮފީހުން މިހާރުވަނީ ޕެޓިޝަން ބަލައިވެސް ގެންފައެވެ. އެހެންނަމަވެސް ޕެޓިޝަނާ ގުޅޭގޮތުން އަދި ރައީސް އޮފީހުން ޖަވާބެއް ދީފައި ނުވާކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
އޭނާ ބުނެފައިވަނީ ޕެޓިޝަންގައި 400 އަށްވުރެ ގިނަ ސިވިލް ސާވަންޓުން ސޮއި ކޮށްފައިވާއިރު، އެ ހުރިހާ ފަރާތްތަަކަކީވެސް މާލޭ ސިޓގައި މަސައްކަތް ކުރަމުންދާ ސިވިލް ސާވަންޓުން ކަމުގައެވެ.
"ޚަބަރު އޮންލައިން"އަށް މައުލޫމާތު ދެމުން ޕެޓިޝަން ހުށަހެޅުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތް ކިޔައިދިން ގޮތުގައި ހުރިހާ ދާއިރާއެއްގަވެސް އެންމެ ދަށް މުސާރަ ލިބެމުންދަނީ ސިވިލް ސާވަންޓުންނަށް ކަމަށާއި، ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރިފަހުން މިހާތަނަށް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އައިސްފައި ނުވާކަމުގައެވެ.
އެހެންނަމަވެސް ޓީޗަރުންނާއި ނަރުހުންގެ މުސާރަވެސް ބޮޑުވެފައިވާއިރު، ފުލުހުންނާއި ސިފައިންގެ މުސާރަވެސް މިހާރު ސަރުކާރުން ބޮޑުކޮށްފައިވާކަން އޭނާ ފާހަގަ ކުރިއެވެ.
އޭނާ ވިދާޅުވީ މުސާރަ ބޮޑު ނުކޮށްގެން މީގެ ކުރިން ސިވިލް ސާވިސް މުވައްޒަޒުން އިހުތިޖާޖު ކޮށްފައިވިނަމަވެސް، އަދި މަސައްކަތް ކުރަމުންދާނީ ސުލްހަވެރިކަމާއެކު މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ކަމުގައެވެ.
ކޮމެންޓު ފޮނުވާ