ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމަށް، އެ ކެންޑިޑޭޓެއްގެ މަސްލަޙަތު ހިމެނޭ ކޮންމެ މަރުކަޒަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ޝަރުތު ހަމަވާ 1 މަންދޫބަކު ޢައްޔަންކުރުމުގެ ފުރުޞަތު، ،2024 ފެބުރުވަރީ 24 ވާ ހޮނިހިރު ދުވަހުގެ 15:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އެގޮތުން ކަނޑައަޅާ މަންދޫބުންގެ ޝަރުތުތައް ތިރީގައި މިވަނީއެވެ.
- 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
- ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޛުކުރެވެމުންދާ މީހެއް ކަމުގައި ނުވުން.
- އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން.
- ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް/ވެރިއެއް ކަމުގައިނުވުން.
- ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައިނުވުން.
- ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައިނުވުން.
- ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައިނުވުން.
- ނުވަތަ އިންތިޚާބީ ކުށެއް ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމައިލް ހަބީބު ވިދާޅުވެފައިވަނީ، ކެނޑިޑޭޓުންގެ މަންދޫބުންނަށް އީސީން ދޫކުރާނީ ޑިޖިޓަލް ފާހެއް ކަމަށާއި، މަންދޫބުން އީސީން ކުރިއަށްގެންދާ މަޢުލޫމާތު ސެޝަން ފުރިހަމަކުރަންޖެހޭނެ ކަމުގައެވެ.
އަދި ފޯމު ހުށަހެޅުމަށް ފަހު، 3004459 އަށް ގުޅުއްވާ މެއިލް އީސީއަށް ލިބިފައިވާކަން ކަށަވަރުކުރައްވަންވާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
މަންދޫބުންގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އީ-މެއިލް މެދުވެރިކޮށް ނުވަތަ އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގެ ރިސެޕްޝަނުން 2024 ފެބުރުވަރީ 16 އިން 24 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 03:00 އަށެވެ.
ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 ން މެންދުރުފަހު 03:00 އަށް، އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 ން ހަވީރު 05:00 އަށް ވެސް ފޯމު ބަލައިގަންނަނާނެއެވެ.
މަންދޫބުންގެ ފޯމު މެއިލްކުރާނީ އީސީގެ [email protected] މެއިލަށް އަދި އެޕްލިކޭޝަން އީސީގެ ވެބްސައިޓް http://elections.gov.mv އިން https://gazette.gov.mv/iulaan/278358 ލިބިވަޑައިގަންނަވާނެ ކަމަށްވެސް އިލެކްޝަންސްއިން ބުނެފައި ވެއެވެ.
ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް ރަމަޟާން މަސް ނިމުނުތާ 10 ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުން މިދިޔަ ހަފުތާގައި ވަނީ ފާސްކޮށްފަ އެވެ. ރައިސް މުއިއްޒު އަދި އެ އިސްލާހު ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ