ހައްޖުގެ ޖާގަ ކަށަވަރުވީ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރަނީ

ހައްޖުގެ ޖާގަ ކަށަވަރުވީ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރަނީ

Author
އަހުމަދު
10 ފެބްރުއަރީ 2024 07:33
0

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުވީ ކަމަށް ބުނެ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި ކުރާ ސްކޭމް ފޯން ކޯލްތައް އިތުރުވަމުން ދާތީ އެކަމަށް ސަމާލުވުމަށް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން އެދިއްޖެއެވެ.

ހައްޖު ކޯޕަރޭޝަނުން ބަޔާނެއްގައި ބުނީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަގްސަދުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި އާންމު ރައްޔިތުންނަށް އެކިއެކި ނަންބަރުތަކުން ގުޅަމުންދާ ކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ ކޯޕަރޭޝަންގެ ނަމުގައި މިގޮތަށް ގުޅަމުންދާ ނަންބަރުތަކުން މި އަހަރުގެ ހައްޖު ޖާގަ އެ ފަރާތަކަށް ލިބިފައިވާ ކަމަށް ބުނެ ވަކި އަދަދަކަށް ފައިސާ ޖަމާ ކުރުމަށް އެދެމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުގެ ބަޔާނުގައިވެއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި ހައްޖު ކޯޕަރޭޝަނުން ހައްޖަށް މީހުން ގެންދަނީ މި ކޯޕަރޭޝަންގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ހައްޖު އަދި އުމްރާއާ ބެހޭ ޕޮލިސީ އާ އެއްގޮތްވާ ގޮތުގެ މަތިން ހައްޖަށް ފައިސާ ދައްކާ ހައްޖު ޖާގަ ކަށަވަރުކޮށްފައިވާ ތަރުތީބުންނެވެ.

"އާންމު ރައްޔިތުންގެ ނަންބަރުތަކަށް ގުޅައި ހައްޖު އަޅުކަމާ ގުޅޭ އެއްވެސް ފައިސާއެއް ވަކި އެކައުންޓަކަށް ޖަމާ ކުރުމަށް މި ކޯޕަރޭޝަނުން ނާންގާނެ ވާހަކަ ދަންނަވަމެވެ. އަދި މި ކޯޕަރޭޝަންގެ ހިދުމަތަށް އެދޭ ފަރާތްތަކުން ފައިސާ ދައްކާނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓުތަކަށެވެ. އެއްވެސް އަމިއްލަ ފަރުދެއްގެ އެކައުންޓަކަށް ނުވަތަ އެހެން ވެސް ނަމެއްގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ފައިސާ ދެއްކުމަށް މި ކޯޕަރޭޝަނުން ނާންގާނެއެވެ،" ހައްޖު ކޯޕަރޭޝަންގެ ބަޔާނުގައިވެއެވެ.

އެހެންކަމުން މި އަހަރު ހައްޖުގައި ބައިވެރިވުމަށް ފުރުސަތު ލިބޭނެ ކަމަށް ބުނެ ވަކި އެކައުންޓަކަށް ފައިސާ ޖަމާ ކުރުމަށް އެދި ކުރަމުންދާ ސްކޭމް ކޯލްތަކަށް ސަމާލުވުމަށް ހައްޖު ކޯޕަރޭޝަނުން އެދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.