މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް ހަދާ ތިލަމާލެ ބްރިޖުގެ 33 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފިއެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އިސް ބޭފުޅުންތަކެއް މިއަދު ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް، ސައިޓަށް ވަޑައިގެން ބައްލަވާލައްވައިފައެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޯއާމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ ޕައިލިން މަސައްކަތުގެ 54.4 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މުޅި މަޝްރޫއުގެ 33.4 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ވުޒާރާގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި އިންޖިނިއަރިންގ ޓީމު މާލެ ތިލަމާލެ ބްރިޖު މަޝްރޫޢުގެ އެންމެ ފަހުގެ މަސައްކަތްތައް މިއަދު ބައްލަވައިލައްވައިފި އެވެ. އެގޮތުން، ވިލިމާލެ އާއި ގުޅީފަޅާ ދެމެދު ކުރަމުންދާ މަސައްކަތްތައް ބެއްލެވިއެވެ. pic.twitter.com/7N9X4rCXwV
— Ministry of Construction and Infrastructure (@MoCImv) February 10, 2024
ތިލަމާލެ ބްރިޖު މަޝްރޫއުގެ ސްޕީޑް މިހާރު ހުރީ މަސައްކަތުގެ ޝެޑިއުލްއާ އަޅާބަލާއިރު 1.2 ޕަސެންޓް ކުރީގައި ކަމަށް ވިދާޅުވި އެވެ.
"މިނިސްޓްރީން މި ދަނީ މި މަޝްރޫއު ކުރިއަށް ދާއިރު ދިމާވެދާނެ ގޮންޖެހުންތައް ދިރާސާކޮށް މަސައްކަތް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ އަޅަމުން،" ތޮއާމް ވިދާޅުވި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރިން ބުނި ގޮތުގައި، މިހާރު ކަނޑައަޅާފައިވާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ދާ ނަމަ، އަންނަ އަހަރު ކުރީކޮޅު މާލެ އާއި ވިލިމާލެ ގުޅާލެވޭނެ އެވެ. އަދި މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.