އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 164 މިލިއަން ރުފިޔާ ދޫކޮށްފި

އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 164 މިލިއަން ރުފިޔާ ދޫކޮށްފި

Author
މުޙައްމަދު ޖިމީ
16 ޑިސެމްބަރ 2020 03:54
0

އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި މިހާތަނަށް 164 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

އާމްދަނީއަށް އަސަރުކުރި މީހުންނަށް ސަރުކާރުންދޭ އިންކަމް ސަޕޯޓް އެލަވެންސް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އާމްދަނީއަށް ނުރަނގަޅު އަސަރުކުރި މީހުންނަށް ސަރުކާރުން ދޭ އެލަވެންސް، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް 13177 މީހަކަށް 164.3 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އިންކަމް ސަޕޯޓް އެލަވަންސް ދޫކުރަނީ ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ޚާއްޞަ ޢިނާޔަތެއް ދިނުމުގެ ބޭނުމުގައެވެ.

ސަރުކާރުން ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ކޮންމެ ރައްޔިތެއްގެ ތެރެއިން، ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ޚާއްޞަ ޢިނާޔަތެއް ދޭން ފަށާފައެވެ. އެގޮތުން އާމްދަނީއަށް އަސަރުކުރި މީހުންނަށް ފަސްހާސް ރުފިޔާއާއި ހަމައަށް އިންކަމް ސަޕޯޓް އެލަވެންސް ދެމުންގެންދެއެވެ.

ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ. މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން ޢާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި 5000 ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއް ލިބޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.