އާންމުގޮތެއްގައި މިފަދަ ހިތްގައިމު ޖެޓީތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރިސޯޓްތަކާ ގުޅިފައިވާ ޖެޓީތަކެކެވެ.
ނަމަވެސް މި ހާއްސަ ރީތި އަދި އަލިގަދަ ޖެޓީ އަކީ ރިސޯޓެއްގައި ހުންނަ ޖެޓީއެއް ނޫން ނަމަވެސް ދަނގެތީގެ ހުޅަނގު ފަރާތުން ފެނިދާނެ ޖެޓީއެކެވެ.
އެރަށު ކައުންސިލްގެ ރައީސް މުއައްވިޔަތު ރަޝީދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ، އާ ޖެޓީ ހުންނަ ސަރަހައްދުގައި ކުރިން އޮތީ ކޮންކްރީޓާއި ލަކުޑި ބޭނުންކޮށްގެން ރަށުގެ ރައްޔިތުން ހަދާފައިވާ ޖެޓީއެއް ކަމަށެވެ.
އޭނާ ބުނި ގޮތުގައި އެހެންކަމުން ކައުންސިލުން ނިންމީ ކުރީގެ ޖެޓީ ތަޅާލައި ރީތި ކޮށް ހިތްގައިމު ޑިޒައިނަކާއެކު އާ ޖެޓީއެއް އެޅުމަށެވެ.
ކޮންކްރީޓާއި ލަކުޑި އެއްކޮށްގެން ހަދާފައިވާ މި ޖެޓީގެ ދިގުމިނުގައި 250 ފޫޓު ހުންނައިރު ފުޅާމިނުގައި 11 ފޫޓު ހުރެ އެވެ. ޖެޓީ ހެދުމަށް ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ ހަރަދުކުރަން ޖެހުނެވެ.
ކައުންސިލްގެ ރައީސް ވިދާޅުވެފައިވަނީ، މި ޖެޓީ ހެދުމަށް މުޅިން ވެސް ހަރަދުކުރަނީ ރައްޔިތުންގެ ފައިސާއިން ކަމަށެވެ. އެގޮތުން ރަށުގެ ގޯތިތަކާއި މުދާ ކުއްޔަށް ދީގެން ލިބުނު ފައިސާ މި ޖެޓީ ހެދުމަށް ބޭނުންކޮށްފައިވާކަމަށްވެސް އެރަށުގެ ކައުންސިލްގެ ރައީސް ވިދާޅުވެފައި ވެއެވެ.
ޖެޓީގެ މެދުގައި ބެންޗެއް ބަހައްޓައި، އިށީނދެ ތިބެވޭނެ ގޮތްތަކެއް ވަނީ ހަމަޖައްސައިފަ އެވެ. ޖެޓީގެ އެންމެ މަތީ ފަރާތުގައި ބެންޗުތައް ބަހައްޓައި، ހިޔާވަހިކަން ފޯރުކޮށްދޭ ތަންތަން ވަނީ ހަދާފައެވެ އެވެ.
ޖެޓީގެ މަސައްކަތް ކުރިއަށްދާތާ އަށް މަސް ވެފައިވާއިރު، މިހާރު ގާތްގަނޑަކަށް 95 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.
ކޮމެންޓު ފޮނުވާ