ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމަށް މާދަމާ ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާ ބޮއިކޮޓް ކުރުމަށް އެމްޑީޕީންވެސް ނިންމައިފިއެވެ.
އެމްޑިޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ، މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި އެމް.ޑީ.ޕީގެ ޕާލިމަންޓަރީ ގްރޫޕުގެ މެންބަރުން ހާޒިރުނުވުމަށް، ޕާލިމަންޓަރީ ގްރޫޕްގެ 148 ވަނަ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައިވާކަމުގައެވެ.
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އެމް.ޑީ.ޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުން ބައިވެރި ނުވުމަށް ނިންމި ސަބަބު ތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ރަސްމީ ބަންދު ދުވަހެއްގޮތުގައި ޒަމާނުއްސުރެ އޮތްއޮތުން ބަދަލުކޮށް، މަޖިލީހުގެ ގަދަރު ކުޑަކުރުމުގެ ގޮތުން އެ ދުވަހަކީ ބަންދުނޫން ދުވަހެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ހަމަޖެއްސެވުން ހިމެނޭކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި މި ސަރުކާރުގެ މިނިސްޓަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް މަޖިލީހުގެ ޖަލްސާ ބޭއްވުނު ދުވަހު، މަޖިލީހުގެ މަސައްކަތައް ހުރަސްއަޅާ ވޯޓަށް ނުފޫޒް ފޯރުވުމުގެ ގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތައް ހިމެނޭ ގޮތަށް، މަޖިލިސްކުރާގޭ ކައިރިއަށް މީހުން އެއްކޮށް ހަމަ ނުޖެހުން އުފައްދާ، މަޖިލިސް ކުރާގޭގެ އެތެރެއަށް ގަލާއި ފުޅިފަދަ ތަކެތި އުކާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ގޮތައް އަމަލު ކޮށްފައި ވުމުގެ އިތުރުން، މަޖިލީސް މެންބަރުންނަށް އިންޒާރުދީ ހަމަލާ ދިނުން ފަދަ ކަންކަން ހިންގި އިރު ސަރުކާރުން އެކަންކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވުމުން، ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާ، މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގަތުމަށް މަސައްކަތް ކުރާކަމަށް ގަބޫލުކުރެވޭތީ، އެކަމާ ދެކޮޅު ހެދުމާއެކު ޑިމޮކްރަސީއާ ބީރަށްޓެހި ސަރުކާރުގެ އަމަލުތައް ކުށްވެރި ކުރުމުގެ ގޮތުން ސުލްހަވެރި އިހްތިޖާޖު ކުރުމުގެ ގޮތުން އެޕާޓީން މާދަމާގެ ޖަލްސާ ބޮއިކޮޓް ކުރުމަށް ނިންމީ ކަމުގައި އެމްޑީޕީން ބުނެފައި ވެއެވެ.
އެމްޑީޕީން މާދަމާ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮށް ކުރުމަށް ނިންމާފައިވާއިރު، އިދިކޮޅު ދަ ޑިމޮކްރެޓްސް ޕާޓީންވެސް ވަނީ އެ ޖަލްސާ ބޮއިކޮޓު ކުރުމަށް ނިންމާފައެވެ. އެޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުން ވަޒީރުކަމުގެ ރުހުން ނުދެއްވި 3 (ތިނެއް) ބޭފުޅުންނަށް ވަޒީރުންގެ ހައިސިއްޔަތުން، ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ދައުވަތު ދެއްވުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރާއި ހުރުމަތަށް ގޮންޖެހުމުގެ އަމަލެއްކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ދެކޭކަމަށެވެ. އަދި ސަރުކާރުގެ ގައިރު ގާނޫނީ މި ފަދަ އަމަލުތަކަށް ހިތްވަރާއި ބާރުލިބިދެވޭގޮތަށް ހިންގޭ ކަންކަމުގައި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އެއްބާރުލުން ނުދޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
އެހެންކަމުން މާދާމާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދަ ޑިމޮކްރެޓްސް ޕާލަމެންޓަރީ ގްރޫޕަށް ނިސްބަތްވާ މެމްބަރުން ބައިވެރިނުވާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.