ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ތިން ދޯންޏަކަށް އިންޑިއާގެ އަސްކަރިއްޔާއިން އެރި މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ރާއްޖޭގެ މަސްބޯޓުތަކަކަށް އިންޑިއާ ސިފައިން އެރުމަކީ ދިވެހީން އިންތިހާއަށް ކަންބޮޑުވެ ބިރުގަނެފައިވާ ކަމެއް ކަމަށެވެ. މިނިސްޓަރު ގައްސާންގެ ފަރާތްޕުޅުން ތިން ސުވާލެއްގެ ޖަވާބު ހޯދުމަށް ހަސަން ވަނީ ހުށަހަޅުއްވާފައެވެ.
އެގޮތުން، އެކަން ހިނގާފައި ވަނީ ރާއްޖޭގެ ސަރަހައްދުގެ އެތެރޭގައި ކަން ނުވަތަ އެ ސަރަހައްދުން ބޭރުގައި ކަން މިހާރު ސަރުކާރަށް ކަށަވަރު ކުރެވިފައިވޭތޯ އާއި، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތަކަކީ ކޮބައިކަން ސާފުކުރުމަށް މެންބަރު ވަނީ ހުށަހަޅުއްވާފައެވެ.
އަދި އެކަން ހިނގައިދިޔަ ތަފްސީލު މަޖިިލީހާ ހިއްސާކުރެއްވުމަށް ވެސް ހަސަން ލަތީފް ވަނީ އެދިލައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 76 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ ސުވަާލުތަކަށް ޖަވާބުދެއްވުމަށް މިނިސްޓަރު ގައްސާން ހާޒިރުވެވަޑައިގަންނަވާނީ މަޖިލީހުގެ ރައީސް މެދުވެރިކޮށް، ސުވާލުގެ ނޯޓިސް ފޮނުއްވުމަށް ފަހު 14 ދުވަހުގެ ނޯޓިސް މުއްދަތު ހަމަވުފަށް ފަހުއެވެ.
މި މައްސަލައާ ގުޅޭގޮތުން މިދިޔަ ހުކުރު ދުވަހު ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދޯނިތަކަކަށް އިންޑިއާ ސިފައިން އަރާފައި ވަނީ ރާއްޖޭގެ ކަމާ ގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނެޭޓު ކުރުމެއް ނެތި ކަމަށާއި، އެއީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ޚިލާފަށް ކުރި ކަމެއް ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީގެ ވެސަލް މޮނީޓަރިން ސިސްޓަމް އިން ކަށަވަރުވާ ގޮތުން އިންޑިއާގެ ސިފައިން އެރި ދޯނިތައް އޮތީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ކަމަށް ފިޝަރީޒް މިނިސްޓަރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.