އިންޑިއާ އިން ރާއްޖެ އަށް ދިން ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓް ކުރަން ތިބި އެ ގައުމުގެ ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެންނަން އިންޑިއާ އާއި ރާއްޖެ އިން އެއްބަސްވެފައިވާ ކަން އެނގިއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ "ހައި ލެވެލް ކޯ ގްރޫޕް" ގެ ދެވަނަ ބައްދަލުވުން އިއްޔެ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ވަނީ ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ވަނީ އިންޑިއާ ސިފައިން ފޮނުވާލުމަށް ފަހު އެ ގައުމުގެ މަދަނީ މީހުން ރާއްޖޭގައި ތިބުމަކީ މައްސަލައެއް ނޫން ކަމަށް އެއްބަސްވެފައެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ކުރިން ވިދާޅުވެފައިވާ ގޮތުގައި އުޅަނދުތައް ދުއްވުމުގައި އިންޑިއާގެ މިލިޓަރީ މީހުން ތިބި ނަމަ ރާއްޖެ ދޫކޮށް ދާން ޖެހޭނެ ކަމަށާއި އެކަމަކު މަދަނީ މީހުން އެކަމުގައި ތިބުން އެންމެ ރަނގަޅު ކަން ރާއްޖެ އިން ހާމަކޮށްފައިވާނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާގެ ސިފައިން ގާއިމްވެ ތިބިއިރު، އޭގެ ތެރެއިން އެއް ސަރަހައްދުގައި ތިބި ސިފައިން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އިން ބޭލުމަށް އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށެވެ. އަދި ބާކީ ދެ ސަރަހައްދުގައި ތިބި ސިފައިން އަންނަ މެއި މަހުގެ 10 ގެ ނިޔަލަށް ފައިބަން އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން މިގޮތަށް ބަޔާން ނެރުނު ކަމުގައި ވިޔަސް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ބަޔާން ތަފާތެވެ. އެ ބަޔާނުގައި ބުނީ މި ބައްދަލުވުމުގައި އިންޑިއާ އިން ދީފައިވާ ޑޯނިއާ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ވަނީ އަންނަ މަހުގެ 15 ގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ކޯ ގުރޫޕްގެ ފުރަތަމަ ބައްދަލުވުމުގައި ހުށަހަޅުއްވައިފައެވެ.