ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

Author
ހުސެއިން
30 ޖެނުއަރީ 2024 09:12
0

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި ބުނެފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 2024 މާރިޗު 17 ވާ އާދީއްތަ ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމުގައެވެ.

ޤާނޫނު ނަންބަރު 1/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތީޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ޤާނޫނު) ގެ 14 ވަނަ މާއްދާގެ ދަށުން 2023 ނޮވެންބަރު 26 ވީ އާދީއްތަ ދުވަހު މިކޮމިޝަނުން ޢާންމުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓުގައި ކަނޑައަޅާފައިވާ 93 (ނުވަދިހަ ތިނެއް) ދާއިރާއަށް، ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތީން، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، 2024 ޖަނަވަރީ 30 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން، 2024 ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލައިފީމެވެ.

އިލެކްޝަންސް ކޮމިޝަންގެ އިއުލާންގައި ވެއެވެ.

މި އިއުލާންގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މި ތަކެތި ބަލައިގަންނާނީ 2024 ޖަނަވަރީ 30 ވާ އަންގާރަ ދުވަހުން ފެށިގެން 2024 ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތައް

(ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުކުރެވޭ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

  1. ދިވެހި ރައްޔިތަކަށްވުން.
  2. ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން.
  3. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
  4. އުމުރުން 18 (އަށާރަ) އަހަރުވެފައިވާ މީހަކު ކަމުގައިވުން.
  5. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

(ށ) ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެމީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެމީހަކު ދިވެހި ރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރުމަށްފަހުއެވެ. އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކުކަމުގައި ވާންވާނެއެވެ.

ނ) އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްބުގައި ބައިވެރި ނުވެވޭނެއެވެ.

  1. އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން.
  2. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައިވުން.
  3. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއްކުރެވިފައިވާ މީހަކު ނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާމީހަކު ކަމުގައިވުން.
  4. ފަނޑިޔާރަކު ކަމުގައިވުން.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ  ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، 2024 މާރިޗު 17 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހުގެ އިރުއޮއްސި 6:45 ގައެވެ. ވޯޓު ނަގާ ދުވަހު އިންސާނީބާރު އެކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލުމަށް މީހުން ނުކުތުމަށް ހުރަސްތަކެއް ދިމާވެގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އިތުރުކުރާގޮތަށް ހަމަޖެހިފައިނުވެއެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2024 މާރިޗު 24 ވާ އާދީއްތަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.