މިދިއަ އަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު އެއް ފިލްމް ކަމުގައިވާ "ޖަވާން" މިރޭ ޒީ ސިނެމާ އިން ޕްރީމިއަ ކުރަން ނިންމައިފި އެވެ.
އެ ޗެނެލުން ފިލްމު ދައްކަން ފަށާނީ މިރޭ ރާއްޖެ ގަޑިން 7:30 ގަ އެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 7 ގައި ރިލީޒްކުރި "ޖަވާން" ޓީވީ ޗެނެލަކުން ގެނެސްދޭ ފުރަތަމަ ފަހަރެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މި ފިލްމު ނެޓްފްލިކްސް ވަނީ ދޫކޮށްފަ އެވެ.
ލީޑުން ޝާހުރުކް ހާން އާއި އެކުގައި ސައުތުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ ފެނިގެންދާ މި ފިލްމް އަކީ މުހިންމު ރޯލަކުން ދީޕިކާ ޕަދުކޯން ވެސް ފެނިގެން ދިއަ ވަރަށް ވެސް ރީތި ފިލްމްއެކެވެ.
މި ފިލްމްގައި ޝާހު ކުލެފައިވަނީ ޑަބަލް ރޯލެކެވެ. ޒުވާން އަދި އުމުރުން ދުވަސްވީ ރޯލުން އޭނާ ފެނިގެންދާއިރުގައި މި ފިލްމް އަކީ ނަޔަންތަރާ ބޮލީވުޑްއަށް ތައާރަފްވި ފިލްމް ކަންވެސް ފާހަގަ ކޮށްލެވެއެވެ.
އާމްދަނީގެ ގޮތުގައި 140 މިލިއަން ޑޮލަރު ލިބުނު "ޖަވާން" އަކީ ޝާހްރުކްގެ އަމިއްލަ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓުން ގެނެސްދިން އެއްޗެކެވެ. މީގެ ޑައިރެކްޓަރަކީ އެޓްލީ އެވެ. ފިލްމު ހެދީ 38 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.