ރާއްޖޭގައި ކޮންޓްރޯލްކޮށްފައިވާ ބައްޔެއް ކަމަށްވާ، ހޯއްގޮވާ ކެއްސުން ބައްޔަށް ތިން ކުޑަކުދިން ޕޮޒިޓިވް ވުމާއި ގުޅިގެން ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
ހެލްތު ޕްރޮތެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރުނު ބަޔާނެއްގައި ބުނީ، ބަލި ޖެހިފައިވާ 3 ކުއްޖަކު ގއ. ވިލިނގިލިން ފެނިފައިވާކަމަށެވެ. އެކުދިން ބައްޔަށް ޕޮޒިޓިވްވުމުން، އައިޖީއެމްއެޗްއާއި ގއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދާފައިވާކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެގޮތުން ބައްޔަށް ޕޮޒިޓިވްވެފައިވާ ކުދިންގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް ހަ މަސްވެފައިވާ މީހުންނަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދީފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މީގެ އިތުރުން ބަލީގެ އަލާމާތްތައް ހުރި ކޮންޓެކްޓުން ބައްޔަށް ޓެސްޓުކޮށް، އެ މީހުންނަށް ބޭސް ދީފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
ހޯއްގޮވާ ކެއްސުމުގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެއަތޮޅު ހޮސްޕިޓަލުން އެކަމަށް ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލައި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި އެ ބަލި ޖެހުމުން ނުރައްކާ ބޮޑީ ވަރަށް ތުއްތު ކުދިންނަށް ކަމަށާއި، އެހެންކަމުން ހަތް އަހަރު ނުވާ ކުދިން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ ކުދިން ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒަކުން ވެކްސިން ޖެހޭނެކަމަށްވެސް އެ އެޖެންސީން ބުންޏެވެ.
އެޗްޕީއޭއިން ވަނީ ރޯގާޖެހި ކެއްސާ މީހުންގެ ތެރެއިން، ކެއްސުން ދިގުލައިގެންދާ ނަމަ ނުވަތަ ކެއްސުމުގެ ސަބަބުން އުނދަގޫތަކެއް ދިމާވާނަމަ ނުވަތަ ދިގު މުއްދަތަކަށް ފަރުވާ ކުރާ އެހެން ބައްޔެއް ހުރި ނަމަ ނުބަތަ ތުއްތު ކުއްޖެ ނުވަތަ މާބަނޑު މީހަކު ނަމަ ލަސްނުކޮށް ސިއްހީ ޚިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އިލްތިމާސްކޮށްފައެވެ.
މިއީ ނޭވާލާ ނިޒާމުގެ ތެރެއިން ޖެހޭ ބައެއްޔެކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ޢާންމު ރޮގާތަކުގެ އަލާމަތްތައް ހިމެނެއެވެ. އަދި މިއީ ދިގުލައިގެންދާ ކެއްސުމެއްވެސްމެއެވެ.
ރާއްޖެއިން ނައްތާލެވިފައިވާ ބައެއް ބަލި ދާދި ފަހުން ރާއްޖެއިން ފެނިފައިވެއެވެ. އެގޮތުން ފައިލޭރިއާގެ ކޭސްތަކެއްވެސް ވަނީ ފެނިފައެވެ. އަދި އެ ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.