ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން މީހުން މާލެއަށް އުފުލުމަށް މޯލްޑިވިއަންގެ 3 ފްލައިޓެއް ޗާރޓާރ ކޮށްފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރޭ ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހާ ސަރުކާރުން ގެނައުމަށްޓަކާ 1:30 ގައި މޯލްޑިވިއަންގެ ފްލައިޓެއް މާލެއިން ފުރާފައިވާ ކަމަށެވެ. އަދި އެއީ ފާއިތުވި 24 ގަޑިއިރުތެރޭ އެމަޖެންސީކޮށް މީހުން އުފުލުމަށް މޯލްޑިއަންއިން ކުރި 3 ވަނަ ޗާރޓަރ ދަތުރުކަަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ފުވައްމުލަކު ސިޓީގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.
ފުލުހުން ބުނީ ފުވައްމުލަކުގެ ބޮޑުފަންނަނު މަގުގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލެއްގެ ކޮންޓްރޯލު ނުވެގެން ގޮސް ސައިކަލާއި ދުއްވަން އިން މީހާ ފާރެއްގައި ޖެހުނު ކަމުގެ މައުލޫމާތު ލިބިފައި ވަނީ ރޭ 10:15 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އެ މީހާއަށް ލިބުނު ޒަހަމްތަކަށް ފުވައްމުލަކު ސިޓީގެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ބޭނުންވާތީ މިއަދު ވަނީ މާލެ ގެނެސްފައެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ހާލު ސީރިއަސްއެވެ. އަދި އޭނާ އަށް ފަރުވާ ދެމުން އަންނަނީ ވެސް ވެންޓިލޭޓަރުގައެވެ.
މި އެކްސިޑެންޓް ހިނގި ގޮތް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގދ. ވިލިގިލިން މިމަހުގެ 18 ވަނަ ދުވަހު އެމަޖެންސީކޮށް މާލެ ގެނައި ކުއްޖަކު އިއްޔެ ނިޔާވުމާއި ގުޅިގެން، އެމަރޖެންސީކޮށް މީހުން އުލުމަށް ރައީސް ވަނީ އިސްލާހި ފިޔަވަޅުތަކެއް އަޅުއްވާފައެވެ.