ހަނގުރާމަތަކަށް ދިއުމުގެ ވިސްނުން ގެންގުޅޭ ދިވެހިން އަދިވެސް އެބަތިބި: އިހުސާން

ހަނގުރާމަތަކަށް ދިއުމުގެ ވިސްނުން ގެންގުޅޭ ދިވެހިން އަދިވެސް އެބަތިބި: އިހުސާން

Author
އަހުމަދު
16 ޖެނުއަރީ 2024 05:36
0

ރާއްޖެ އިން ބޭރުގައި ކުރަމުން އަންނަ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދާން ބޭނުންވާ ދިވެހިން އަދިވެސް އެބަތިބި ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން ބޭނުންވާ ދިވެހިން އަދިވެސް ރާއްޖޭގައި ތިބި ކަމުގެ މައުލޫމާތު ލިބެނީ އިންޓަލިޖެންސް މައުލޫމާތުތަކާއި ފުލުހުން މިހާތަނަށް ކުރި ތަހުގީގުތަކުން ކަމަށެވެ.

އެމީހުން ވިސްނަން ޖެހޭ ކަމަކީ ހަނގުރާމަވެރި ސަރަހައްދުތަކަށް ގޮސްގެން އެމީހުން ޖެހޭނެ ހާލާ މެދުގައި ކަމަށް އިހުސާން ވިދާޅުވިއެވެ. އެއީ މިހާތަނަށް އައިއިރު ވެސް އެތައް ބަޔަކު ހާލުގައި ޖެހިފައި ތިބި ކަން ސާބިތުވެފައިވާތީ ކަމުގައި އިހުސާން ވިދާޅުވިއެވެ.

"ފިރިހެންވެރިން ބައެއް ފަހަރު މިކަހަލަ ކަންކަމުގެ ތެރޭގައި ނިޔާވެ، އޭނާއާ އެކުގައި ގެންދާ އަނބިދަރިން ޖެހޭ ހާލު. އެ ތަނަށް އުފަންވާ ކުޑަކުދިންނަށް ޖެހޭ ހާލު. އެ ތަނަށް ގޮސް އަދި ކިރިޔާ ހިނގާބިނގާވެ އުޅެވެން ފަށާ ކުދިންނަށް ޖެހޭ ހާލު. ތުއްތު މައުސޫމް ކުދިންނަށް އަދި އަންހެންވެރިންނަށް މިފަދަ ހާލު ނުޖެއްސުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް،" އިހުސާން ވިދާޅުވިއެވެ.

ހަނގުރާމަ އަށް ދިއުމުގެ ވިސްނުން ގެންގުޅޭ މީހެއްގެ މައުލޫމާތު އެނގިއްޖެ ނަމަ، ހިއްސާކޮށް ދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އަދި ދައުލަތަކަށް ކުރެވޭނެ ކަމަކީ މިކަމުގައި އެމީހުންނަށް ވިސްނައި ދިނުން ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

"އެކަމަކު، ހިތާމައަކީ އަޅުގަނޑުމެން ދައްކާ ވާހަކަތަކާއި ދޭ މައުލޫމާތުތަކަށް ނުބަލައި ކޮންމެވެސް މަގްސަދެއް ހާސިލް ކުރުމަށް ބޭރަށް ފުރައިގެންދާ ތަން." އޭނާ ވިދާޅުވިއެވެ.

ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމަ އަށް ދިޔަ ފަސް އާއިލާއެއްގެ 21 މީހުން ވަނީ މާލެ ގެނެސްފައެވެ. އެ މީހުން ރާއްޖެ ގެނައީ ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރުގައި ހާލުގައި ޖެހިފައިވާ ކަމުގެ ރިޕޯޓް ސަރުކާރަށް ލިބިގެން ކަމަށާއި 2022ގެ ޖޫން މަހުން ފެށިގެން ސަރުކާރުން ދިޔައީ އެ މީހުން އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.