ޔަމަނުގައި ތިބި ހޫޘީން އެމެރިކާގެ ބޯޓަކަށް މިސައިލަކުން ހަމަލާދީފިއެވެ. އެހެންނަމަވެސް މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފިއެވެ.
އިނގިރޭސި ވިލާތުގެ މެރިޓައިމް ސެކިއުރިޓީ ފާމަކުން ބުނި ގޮތުގައި އެ އުޅަނދަށް ހަމަލާދީފައި ވަނީ "ޔަމަނުގެ ހޫތީންނަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ދިން ހަމަލާތަކާ ގުޅިގެން"ކަމުގައެވެ.
މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ހޫތީން ދަނީ މުދާ އުފުލާ އުޅަނދުތަކަށް ހަމަލާދެމުންނެވެ. ހޫތީން ބުނަމުން ދަނީ އެމީހުން ހަމަލާ ދެމުންދަނީ އިސްރާއީލާ ގުޅުން ހުރި އުޅަނދުތަކަށް ކަމަށެވެ.
ނަމަވެސް މެރިޓައިމް ސެކިއުރިޓީ ފާމުން ބުނަނީ މި އުޅަނދުތަކަކީ އިސްރާއީލާއި ގުޅުންހުރި އުޅަނދުތަކެއް ނޫންކަމުގައެވެ.
އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރަތް ކަނޑުގައި އަމިއްލަ ނަފްސުގެ ދިފާއުގައު ހޫތީންނާ ދެކޮޅަށް އިތުރު ފިޔަވަޅެއް އެޅުމަށް އިނގިރޭސިވިލާތުން ފަސްނުޖެހޭނެ ކަމަށެވެ. ހައުސް އޮފް ކޮމަންސްގައި ތަގުރީރު ކުރައްވަމުން ސުނާކް ވިދާޅުވީ އެމެރިކާ އާއި އިނގިރޭސިވިލާތުން ދިން ހަމަލާތަކުގައި ހޫތީންގެ 13 އަމާޒަކަށް ވެސް ހަމަލާދީފައިވާ ކަމަށާއި، އާންމުންނަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.
"އަހަރުމެންނަށް ކުރިމަތިލާން ޖެހުނީ ވަރުގަދަ ސިލްސިލާ ހަމަލާތަކެއް… އޭގެ ތެރޭގައި ރޯޔަލް ނޭވީގެ ހަނގުރާމަމަތީ އުޅަނދަކަށް ދިން ހަމަލާއެއް ވެސް ހިމެނޭ،" ސުނަކް ނޫސްވެރިންނާ ވާހަކަ ދައްކަމުން ވިދާޅުވީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އީރާނުގެ އެހީތެރިކަމާއެކު ހޫތީން ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާއިރު، އެއީ ޣައްޒާގައި ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުގެ މުހިންމު ބައިވެރި ޖަމާއަތެކެވެ. އިޒްރޭލަށް ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާތައް ދެމުން ގެންދާނެ ކަމަށް ހޫތީންވަނީ ވަނީ ވައުދުވެފައެވެ.