ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ މާލެއަށާއި ހުޅުލެއަށާއި ހުޅުމާލެ އަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުންޏެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހިފައިވާ އަދަދުތައް ހާމަކޮށްފައެވެ. ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ މާލެއަށެވެ. މާލެއަށް 159.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
ދެވަނަ އަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ހުޅުލެއަށެވެ. ހުޅުލެއަށް 143.4 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ތިން ވަނަ އަށް އެންމެ ގިނަ އިން ވާރޭ ވެހިފައި ވަނީ ހުޅުމާލެއަށެވެ. ހުޅުމާލެ އަށް 105.4 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
މީގެއިތުރުން ކ. ކާށިދޫ އަށް 68.3 މިލިމީޓަރު، އދ. މާމިގިއްޔަށް 54.6 މިލިމީޓަރު، ގދ. ތިނަދޫ އަށް 53.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
ފާއިތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ގުގުރާފައިވާއިރު، ބައެއް ރަށްތަކުގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބުނެވެ. އެގޮތުން އެންމެ ބޮޑު ގެއްލުމެއްވެފައި ވަނީ މާލެއަށެވެ. މާލޭގެ 144 ގެއަކަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އިން ވަނީ ހާމަކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެކެވެ.
މިއަދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނި ގޮތުގައި މިއަދު ވެސް އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކާށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި، ބައެއް ސަރަހައްދުތަކަށް އުދަވެސް އަރާފާނެ ކަމަށް ބުނެފައިވެއެވެ.