އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން ކަމުގައި ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވުމާއި ގުޅިގެން ދީނީ އިލްމުވެރިޔާ ޝެއިޚް އަހުމަދު ސަމީރު ރައީސް މައުމޫނަށް ރައްދު ދީފިއެވެ.
ރައީސް މައުމޫންގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޝައިޚް ސަމީރު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ޤިޞާޞް ގެ ޢުޤޫބާތަކީ އިންސާނިއްޔަތަށްވާ ދިރުމެއްކަން ބަޔާންކުރެއްވި އާޔަތުގައި، ބުއްދީގެ އަހުލުވެރިންނާ މުޚާޠަބު ކުރައްވާފައިވުމުން، އެޙުކުމަށް އިންކާރު ކުރާމީހުންގެ ބުއްދިއާ މެދުވެސް ސުވާލު އުފެދޭ ކަމުގައެވެ. އަދި އެއި ހޭބުއްދިވާ އިސްލާމުން ދައްކާނެ ވާހަކައެއް ނޫން ކަމުގައިވެސް ޝެއިޚް ސަމީރު ވިދާޅުވެފައި ވެއެވެ.
ޤިޞާޞް ގެ ޢުޤޫބާތަކީ އިންސާނިއްޔަތަށްވާ ދިރުމެއްކަން ބަޔާންކުރެއްވި އާޔަތުގައި، ބުއްދީގެ އަހުލުވެރިންނާ މުޚާޠަބު ކުރައްވާފައިވުމުން، އެޙުކުމަށް އިންކާރު ކުރާމީހުންގެ ބުއްދިއާ މެދުވެސް ސުވާލު އުފެއެވެ. އެއި ހޭބުއްދިވާ އިސްލާމުން ދައްކާނެ ވާހަކައެއް ނޫނެވެ! pic.twitter.com/jCNujHb1Xm
— Ahmed Sameer (@Ahmadhsameer) January 7, 2024
މަރުގެ ހުކުމް އިއްވައިފައިވާ ގާތިލުން ރާއްޖޭގައި ތިބި ނަމަވެސް ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެ ހުކުމް ތަންފީޒްކޮށްފައެއް ނުވެއެވެ.
އެގޮތުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގިޞާސް ހިފަން ބައެއް މަސައްކަތްތައް ކޮށްފައިވީ ނަމަވެސް ތަންފީޒުކުރުމާ ހަމައަށް ނުދެއެވެ.
ރައްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ވާހަކަ ތަކަކީ ކޮންމެ ސަރުކާރަކުންވެސް ދައްކަމުން އަންނަ ވާހަކައަކަށްވި ނަމަވެސް އެއްވެސް ސަރުކާރަކަށް އެހުކުމް ތަންފީޒު ކުރެވިފައެއް ނުވެއެވެ.