މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒުކުރުމަށް އާންމުންގެ ތާއީދު ހޯދުމަށް އެވާހަ ދެއްކުމަކީ ތައުލީމީ މީހަކު ކޮށްގެންވާނެ ކަމެއް ނޫންކަމުގައި ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ، ރޭ ކުރިޔަށް ގެންދިޔަ ޕީއެސްއެމް މޭޔަރު ބަހުސްގައި، މަރުގެ އަދަބު ދިނުމަށް ތާއީދުކޮށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ދެއްކެވި ވާހަކައަށް އިޝާރާތްކޮށް ކުރެއްވި ޓުވީޓެއްގައެވެ.
މައުމޫނުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، އެއްވެސް ހާލަތެއްގައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް އެމަނިކުފާނު ތާއީދު ނުކުރައްވާނެ ކަމުގައެވެ.
އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން. އަދި ޢާންމުންގެ ތާއީދު ހޯދުމަށްތިޔަ ވާހަކަ ދެއްކުމަކީ ތަޢުލީމީ މީހަކު ކޮށްގެންވާނެ ކަމެއް ވެސް ނޫން.
— Maumoon Abdul Gayoom (@maumoonagayoom) January 7, 2024
ރައިސް މައުމޫނަކީ ރައްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމާއި އަބަދުވެސް ދެކޮޅު ހައްދަވާ ބޭފުޅެކެވެ. އެގޮތުން މިސަރުކާރުންވެސް މަރުގެ އަދަބު ތަމްފީޒުކުރާނޭކަން ހާމަކުރުމުންވެސް މައުމޫނުވަނީ އެނިންމުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެފަހަރު، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރެއްވުމަށް އެމަނިކުފާނު ދެކޮޅު ހައްދަވާ ސަބަބުތައް ބަޔާންކޮށް ޚާއްސަ ލިޔުމެއް އާންމު ކުރައްވާނެކަމަށްވެސް މައުމޫނު ވިދާޅުވެފައި ވެއެވެ.
މަރުގެ ހުކުމް އިއްވައިފައިވާ ގާތިލުން ރާއްޖޭގައި ތިބި ނަމަވެސް ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެ ހުކުމް ތަންފީޒްކޮށްފައެއް ނުވެއެވެ.
އެގޮތުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގިޞާސް ހިފަން ބައެއް މަސައްކަތްތައް ކޮށްފައިވީ ނަމަވެސް ތަންފީޒުކުރުމާ ހަމައަށް ނުދެއެވެ.
ރައްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ވާހަކަ ތަކަކީ ކޮންމެ ސަރުކާރަކުންވެސް ދައްކަމުން އަންނަ ވާހަކައަކަށްވި ނަމަވެސް އެއްވެސް ސަރުކާރަކަށް އެހުކުމް ތަންފީޒު ކުރެވިފައެއް ނުވެއެވެ.