50 އަހަރުން މަތީގެ މީހުންނަށް މިއަދުން ފެށިގެން މެޑިކަލް ޗެކަޕް ހެދޭނެ

50 އަހަރުން މަތީގެ މީހުންނަށް މިއަދުން ފެށިގެން މެޑިކަލް ޗެކަޕް ހެދޭނެ

ގުޅުންހުރި

އާސަންދައިގެ ދަށުން މިއަދުން ފެށިގެން ސަރުކާރުގެ ސިއްހީ ހިދުމަތް ދޭ ތަންތަން މެދުވެރިކޮށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ދިވެހިންނަށް އަހަރަކު ދެ ފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިއީ ބޮޑެތި ބަލިތައް ދުރާލައި ދެނެގަނެ ފަރުވާ ލިބޭނެ އިންތިޒާމު ވީހާވެސް އަވަހަށް ފަހިކޮށްދިނުމުގެ ބޭނުމުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެކެވެ. ރައީސް ވައުދުވެވަޑައިގެންނެވީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އާސަންދަ މެދުވެރިކޮށް ދިވެހިންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވީ މިއަދުން ފެށިގެން އުމުރުން 50 އަހަރުން މަތީގެ ދިވެހިންނަށް މެޑިކަލް ޗެކަޕް ހެދޭނެ ކަމަށެވެ. އަދި 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނާއި 19 އަހަރުން ދަށުގެ ކުދިންނަށް މި ހިދުމަތް ފެށޭނީ އަންނަ އޭޕްރީލް 1 އިން ފެށިގެން ކަމަށާއި 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް މި ހިދުމަތް ފެށޭނީ އަންނަ ޖުލައި 1 ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް ޒީނިޔާ ވިދާޅުވިއެވެ.

އެންސްޕާގެ ސީއީއޯ ހީނާ ވަލީފް ވިދާޅުވީ، މި ޕްރޮގްރާމްގެ މަގްސަދަކީ ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގުފަހިކުރުމާއި، ދިވެހި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ސަގާފަތެއް އަށަގެންނެވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރެއްވުން ކަމަށެވެ.

ހީނާ ވިދާޅުވީ، މެޑިކަލް ޗެކްއަޕް ނިޒާމުގެ ތެރެއިން ހުރިހާ ދިމާލަކުން މައުލޫމާތުތައް އެއްކުރާނެ ކަމަށެވެ.

އޭގެ އަލީގައި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި ސިއްހީ ހިދުމަތަށް ކުރެވޭ ހަރަދު ތަކާއި ސަރުކާރު ބައެއް ކަހަލަ ސިޔާސަތުތައް ހަރުދަނާކޮށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ހަރުދަނާ އުސޫލުތަކާއި، ހިދުމަތްތަކެއް ގާއިމް ކުރުމަށް މި މައުލޫމާތުގެ އަލީގައި މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ، ދުރާލާ ޓެސްޓުތައް ހަދައިގެން ބަލިތައް ދެނެގަނެވެއްޖެނަމަ، އެ މީހެއްގެ ފަރުވާއަށް ދައުލަތުން ކުރަންޖެހޭ ހޭދަ އެތައް ގުނައަކުން ކުޑަވާނެ ކަމަށެވެ. މިއީ ދިވެހިންނަށް ރައީސް ދެއްވި އާ އަހަރު ދުވަހުގެ ހަދިޔާ ކަމަށް ހަލީމް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މާލެ ސަރަހައްދުގައި މެޑިކަލް ޗެކަޕް ހެދޭނެ ތަންތަނުގެ ތަފްސީލްތައް ދީފައެވެ. އެގޮތުން މި ހިދުމަތް އައިޖީއެމްއެޗުން ހޯދަން ބޭނުންވާ މީހުން ގުޅާނީ 7226614 ނަންބަރަށެވެ. ވިލިމާލޭ ހޮސްޕިޓަލުން ހެލްތު ޗެކަޕް ހެދުމަށް ގުޅާނީ 3038520 ނަންބަރަށެވެ. އަދި ހުޅުމާލެ އިން ހެލްތު ޗެކަޕް ހަދަން ގުޅާނީ 1417 އަށެވެ. ހުޅުމާލޭ ހެލްތު ޗެކަޕް ހެދޭނީ ހިޔާ 16 ނަންބަރު ޓަވަރުގައި ހުންނަ ހުޅުމާލޭ ހޮސްޕިޓަލްގެ ޖީޕީ ކްލިނިކުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ