ޤައުމީ އެއަރލައިން މޯލްޑިވިއަނުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް ފުޅާކުރުމަށް ވައިޑް ބޮޑީ އެއަރކްރާފްޓް ހޯދުމަށް އިއުލާންކޮށްފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދުކުރި އިއުލާނެއްގައި ބުނީ، އެއާބަސް އޭ-330-220 މަރުކާގެ މަތިންދާބޯޓެއް ޑްރައި ލީސް އުސޫލުން އެ ކުންފުންޏަށް ބޭނުންވާ ކަމަށެވެ.
އެ މަތިންދާބޯޓަކީ މޯލްޑިވިއަންއިން ރާއްޖެއިން ބޭރުގެ މަންޒިލުތަކަށް ކުރާ ސީދާ ދަތުރުތައް އިރުކުރަން ހޯދާ މަތިންދާބޯޓެއް ކަމަށްވެސް އެ އިއުލާންގައި ބުނެފައިވެއެވެ.
އިއުލާންގައިބުނެފައިވާގޮތުގައި ޑްރައި ލީސްގެ އުސޫލުން ނަގާ މަތިންދާބޯޓު މަރާމާތުކުރުމާއި ތެޔޮ އެޅުމާއި ފަޅުވެރިން ހަމަޖެއްސުން ފަދަ މަތިންދާބޯޓު އޮޕަރޭޓުކުރުމުގައި ކުރަންޖެހޭ ހުރިހާ ޚަރަދެއް ހަމަޖައްސާނީ އެ އުޅަނދު ކުއްޔަށް ނަގާ ފަރާތުންކަމަށެވެ.
އިއުލާންގައ ިބުނެފައިވާގޮތުން ބީލަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށެވެ. ބިޑު ހުޅުވައިލިއިރު އައިލެންޑު އޭވިއޭޝަނުން ބުނެފައިވަނީ ލަސްވެގެން އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި އެ މަތިންދާބޯޓު ފޯރުކޮށްދޭންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ޤައުމީ އެއަރލައިން 'މޯލްޑިވިއަން' އިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށުމަށްޓަކައި 'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން' ތަޢާރަފްކުރުމަށް ކެބިނެޓުން ނިންމެވީ މިމަހުގެ 17 ވަނަ ދުވަހުއެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކަކީ އަދިވެސް ސީދާ ރާއްޖެއަށް ދަތުރުތައް އޮންނަ ޤައުމުތަކެއް ނޫނެވެ. އެގޮތުން، 48 އިންސައްތަ ފަސިންޖަރުންނަކީ 'ކަނެކްޓިންގ' ފްލައިޓް މެދުވެރިކޮށް ރާއްޖެ އަންނަ ފަސިންޖަރުންނެވެ. އަދި ޔޫރަޕްގެ ގިނަ ފަތުރުވެރިންނަކީ މެދު އިރުމަތިން ފްލައިޓް ކަނެކްޓް ކުރުމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިންކަން ފާހަގަ ކުރެވެއެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ޗީފް ސްޕޯކްސް ޕަރސަން މުޙައްމަދު ޝަހީބު ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތް ފެށުމުން ޗައިނާ، ޔޫރަޕް، އަދި ސައުތު އެފްރިކާގެ ބައެއް ސަރަޙައްދުތަކަށް 'މޯލްޑިވިއަން' އިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށިގެންދާނެކަމަށެވެ. މި މަޝްރޫޢުގެ ތެރޭގައި އެންމެ އިސްކަމެއް ދޭނެ މަންޒިލްތަކެއްގެ ގޮތުގައި ޗައިނާގެ މަންޒިލްތައް ވަނީ ހަމަޖެއްސަވާފައިކަމަށް ވިދާޅުވިއެވެ. އަދި، މި މަޝްރޫޢު ފެށުމާއެކު މަދުވެގެން ހަފުތާއަކު 2 ނުވަތަ 3 ދަތުރު ސީދާ އެ ސަރަޙައްދަކާއި ރާއްޖެއާ ދެމެދު ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށް ޝަހީބު ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ޤައުމީ އެއަރލައިނަށް 'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން' ތަޢާރަފްކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައިވެސް ހިމަނުއްވާފައިވާ މުހިންމު ކަމެކެވެ.