އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ފޮޓޯ: މަޖިލިސް

ސަލާމަތުން ތިއްބާ މި ސަރުކާރަކާ ނުކުޅެވޭނެ، ވައްޓާ ވެސް ނުލެވޭނެ: ސަލީމް

ސަލާމަތުން ތިއްބާ މި ސަރުކާރަކާ ނުކުޅެވޭނެ، ވައްޓާ ވެސް ނުލެވޭނެ: ސަލީމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކާ ނުކުޅެވޭނެ ކަމަށާއި މި ވެރިކަން ވައްޓާވެސް ނުލެވޭނެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އިދިކޮޅު ފަރާތްތަކަށް ވަރުގަދަ އިންޒާރެއް މިއަދު ދެއްވައިފިއެވެ.

ނޫސްވެރިންނަށާއި ނޫސްތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ހިޔާލު ފާޅުކުރުމުގައި ވަކި މިންގަނޑެއް އޮންނަން ޖެހޭނެ ކަމަށާއި އެހެން މީހުންގެ އަބުރާއި ކަރާމާތާއި އިއްޒަތް ދުއްވާލުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނޫން ކަމަށެވެ.

"ރައީސް މުއިއްޒުގެ ސަރުކާރުގައި ހިޔާލުފާޅުކުރުމުގެ ތަނަވަސްކަން އެންމެ ފުރިހަމަ އަށް އެދަނީ ދެމުން. އެއަކަށް ހުއްޓުމެއް ނެތް. ނޫސްތަކުން ކިޔާނެ އެއްޗެއް ކިޔަނީ. ދައްކާނެ ވާހަކައެއް ދައްކަނީ. އެއަކަށް ހުރަސް އެޅުމެއް ނެތް. މި ވާހަކަތަކަކީ ހަދަ ހަދައިގެން ދެއްކޭ ދޮގު ވާހަކަތަކެއް،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ކޮންމެ ދުވަހަކު ކުއްލި މައްސަލައެއް މަޖިލިހަށް ހުށަހެޅުމުގެ ބަދަލުގައި ރައްޔިތުންގެ ހޮވި ސަރުކާރު ހިންގުމަށްޓަކައި މިނިސްޓަރުންނަށް ރުހުން ދިނުން މާ ރަނގަޅުވާނެ ކަމަށެވެ. މިއީ މަޖިލިހުގެ މެމްބަރުންނަށް ލާޒިމް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ނުގެންދަނީ މަޖިލިސް ރައީސް މުހައްމަދު އަސްލަމްގެ ސީދާ ރޭވުމުގެ ދަށުން ކަމަށާއި އެމަނިކުފާނަށް އެ "ގޮނޑީގައި ނީދެވޭނެ" ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

"ޗުއްޓީއަށް ދާ އިރު، ވަޒީރުންނަށް ރުހުން ނުދެވޭ. މިއީތޯ ޑިމޮކްރަސީތޯ؟ މިއީތޯ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ؟ މިއީތޯ ހުދުމުހުތާރު ކަމަކީ؟ ކޮބައިތޯ ހުދުމުހުތާރު ކަމަކީ؟ މިއީ ނޫންތޯ ހުދުމުހުތާރު ކަމަކީ؟" ސަލީމް ސުވާލު އުފެއްދެވިއެވެ.

ސަލީމް ވިދާޅުވި ގޮތުގައި އެމްޑީޕީން އުޅެނީ ވެރިކަން ގެއްލުމާ ގުޅިގެން ރައްޔިތުން ހޮވި ސަރުކާރު ވައްޓާލުމަށާއި ވަޒީރުންނަށް ރުހުން ނުދިނުމަށެވެ.

"ރުހުން ވެސް ހޯދާނަން މާތް ﷲ ގެ ރަހްމަތް ފުޅާއެކު، މި ސަރުކާރު ވެސް ވައްޓައެއް ނުލެވޭނެ. އެކަން ވެސް ނުކުރެވޭނެ. އެކަމަށް ފުރުސަތެއް ވެސް ނުދޭނަން. އަޅުގަނޑުމެން މިތިބީ އެކަމުގައި ހިފައިގެން. އަޅުގަނޑުމެން ސަލާމަތުން ތިއްބާ ކުޅަދާނައެއް ނޫން މި ސަރުކާރާ ކުޅެލާކަށް. މި ސަރުކާރު ފަސް އަހަރު ދުވަހު ދެމި އޮންނާނެ،" ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަލީމް ވިދާޅުވިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *