މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ ސިޓީގެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ފުށިދިއްގަރުފަޅު ހިއްކައި އެ ތަނުގައި ދިވެހިން ގެދޮރުވެރި ކުރުވުމަކީ ރައީސް ޑރ. މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ތަރައްގީ އަށް ފަހުގައި އެމަނިކުފާނު ދެވަނަ އަށް އެންމެ އިސްކަން ދެއްވާ މަޝްރޫއަކަށް ވެފައި ވަނީ ވެސް ރަސްމާލެ ތަރައްގީ ކުރެއްވުމެވެ. އެ ފަޅު ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާ އިރު، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި އެ ތަން ހިއްކައި ނިންމުމެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި މި ސަރުކާރުން އެދިގެން އެކަމަށް 400 މިލިއަން ރުފިޔާ ހިމެނިއެވެ. އެކަމަކު، ކޮމިޓީ މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ވަނީ އެ މަޝްރޫއު އުނިކޮށް، އެ ފައިސާ ގުޅިފަޅާއި ގިރާވަރުގެ ތަރައްގީއަށާއި ޕީއެސްއައިޕީގެ ޕްރޮޖެކްޓުތަކަށް ބަހާލައިފައެވެ. މިދިޔަ ހޯމަ ދުވަހު ރަސްމާލެ މަޝްރޫއު އިފްތިތާހުކޮށް، ފުށިދުއްގަރުފަޅު ހިއްކުމުގެ މަސައްކަތް ވަނީ އާބަންކޯގެ ޕްރޮޖެކްޓެއްގެ ގޮތުގައި ފަށައިފައެވެ.
ދައުލަތުގެ ބަޖެޓު ނުހިމަނައި އެ މަޝްރޫއު ފެއްޓުމުގެ އިތުރުން އިއުލާން ނުކޮށް އެ މަޝްރޫއު ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާ ހަވާލު ކުރި މައްސަލަ އާންމުންގެ މީހަކު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅައިފައެވެ.
ކައުންސިލްތަކުގެ އަގު ވަޒަންކުރަން ބާއްވާ "ކަންގަތި އެވޯޑް" ދިނުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ރައީސް މުއިއްޒު ވަނީ ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ ހިމަނާފައި އޮއްވައި، މަޖިލިހުން ބަޖެޓް ފާސް ކުރިއިރު އެ ފައިސާ އުނިކޮށް އެހެން މަޝްރޫއުތަކަށް ހަމަޖެއްސުމަކީ ދިވެހި ރައްޔިތުންނާއި ގައުމާ އެއްކޮޅަށް ނިންމެވި ނިންމެވުމެއްތޯ ސުވާލު ކުރައްވައިފައެވެ.
ފުށިދިއްގަރު ފަޅު ހިއްކުމުގެ ބިޔަ މަޝްރޫއު ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ފަށަން ނިންމީ އެއީ ރައްޔިތުން އެންމެ ބޭނުންވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދެވޭނެ މަޝްރޫއުއަށް ވާތީ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފައްޓަވަން ޖެހުނީ ވަރަށް ދަތި އުނދަގުލުން އެހެން މަގަކުންނެވެ. އަދި އެ މަޝްރޫއު ފެއްޓެވީ ދިވެހި ރައްޔިތުންނާ އެއްކޮޅަށް ހުންނަވައި ކަމުގައި ރައީސް ވިދާޅުވިއެވެ.
"ކޮންމެ ފަސް އަހަރަކުން އެއްފަހަރު ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ސަލާންޖަހާން ނިކަމެތި ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ބައިތިއްބައިފައި މި ތިބި ތިބުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާއިމަށް ނިމުމެއް ގެންނާނަން. އަޅުގަނޑު އަބަދުވެސް ހުންނާނީ ރައްޔިތުންނާ އެއްކޮޅަށް. އަޅުގަނޑު ހުންނާނީ ރައްޔިތުންގެ ފަޅީގައި. ސަބަބަކީ އަޅުގަނޑު ދިވެހި ކޮންމެ ރައްޔިތެއް ދެކެ ވަރަށް ލޯބިވަން." ރައީސް ވިދާޅުވިއެވެ.
One Response
ގަދަ ކުރިއަށޯ