މޮރިޝަސްއަށް ރައީސް ސާލިހު ފޮނުއްވި ސިޓީފުޅުގައި ރައީސް އޮފީހުގެ ތައްގަޑެއް، ނަންބަރެއްވެސް ނެތް!

މޮރިޝަސްއަށް ރައީސް ސާލިހު ފޮނުއްވި ސިޓީފުޅުގައި ރައީސް އޮފީހުގެ ތައްގަޑެއް، ނަންބަރެއްވެސް ނެތް!

Author
ހުސެއިން
20 ޑިސެމްބަރ 2023 12:03
0

ރާއްޖެއާ މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ ސަރަަހައްދުގެ އިން ފުށު އަރާ މައްސަލައިގައި ކުރީގެ ރައީސް ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ މިހާރުގެ ސަރުކާރުން އާންމުކޮށްފައި ވާއިރު، އެ ސިޓީގައި ރައީސް އޮފީހުގެ ތައްގަޑުވެސް އަދި ނަމްބަރުވެސް ޖަހާފައި ނުވާކަން ބައެއް ފަރާތްތަކުން ފާހަގަ ކޮށްފިއެވެ.

ރައީސް އޮފީހުން މިހާރު އާންމު ކޮށްފައިވާ ސިޓީ އާންމު ކޮށްފައިވާއިރު، އެ ސިޓީ އާންމު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރައީސް އޮފީހުން އާންމު ކުރި ސިޓީގައި ރައީސް އޮފީހުގެ ތައްގަޑު އަދި ނަންބަރުވެސް ނެތީ ކޮން ސަބަބަކާހެދި ކަމެއް ސާފުވެފައެއް ނުވެއެވެ. އެހެންނަމަވެސް އޮފީހުން ގައުމުތަކުގެ އިސް ވެރިންނަށް ފޮނުވާ ސިޓީތަކުގައި އޮފީހުގެ ސިއްކަ އަދި އައިޑެންޓިފިކޭޝަން ނަމްބަރު ޖަހާފައި ހުރެއެވެ.

ކުރީގެ ވެރިކަމުގައި ރައީސް ޞާލިހު ވިދާޅުވެފައިވަނީ އެ ސިޓީފުޅުގެ ހަގީގީ ބޭނުމަކީ ޗާގޮސް އަކީ އިނގިރޭސިންގެ ތަނެއްކަމަށް ރާއްޖެއިން ބުނަމުން އައި ސްޓޭންޑް ދޫކޮލިކަން މޮރިޝަސްއަށް އެންގުން ކަމުގައެވެ. އަދި އެ ސިޓީ ފޮނުއްވީ، ޗާގޯސްއަކީ މޮރިޝަސްގެ ބައެއްކަމަށް ބައިނަލްއަގުވާމީގޮތުން ނިންމާފައި އޮތުމުން ކަމަށްވެސް އޭރުގެ ސަރުކާރުން ބުނެފައި ވެއެވެ.

ފާއިތުވި 2022 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 22 ވަނަ ދުވަހު މޮރިޝަސްގެ ބޮޑުވަޒީރަށް އެޑްރެސްކޮށް ރައީސް ސާލިހު ފޮނުއްވާފައިވާގޮތުން ސިޓީގައިވަނީ، އެމަނިކުފާނާއި މޮރިޝަސްގެ ބޮޑުވަޒީރާ ދެބޭފުޅުން އެއަހަރުގެ ޖޫންމަހުގެ 24 ވަނަ ދުވަހު ރުވާންޑާގެ ކިގާލީގައި ބޭއްވި ބައްދަލުވުމާއި ހަވާލާދެއްވާ، ޔޫއެންގެ އެޑްވައިޒަރީ އޮޕީނިއަންއާއި އެއްގޮތަށް ރާއްޖޭގެ ސްޓޭންޑް އެމައްސަލާގައި ބަދަލު ކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި ޔޫއެންގެ އެގަރާރަށް ރާއްޖެއިން ތާއީދުކޮށް ޔޫއެންގައި ގަރާރާ އެއްކޮޅަށް ވޯޓު ދެއްވާނެކަމުގެ ޔަގީންކަން ދޭކަމަށްވެސް ރައީސް ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.

މި ސިޓީގައި ރައީސް ސާލިހު އިތުރަށް ވިދާޅުވެފައިވަނީ، ޑީކޮލޮނައިޒޭޝަންގެ (އިސްތިއުމާރީ ބާރުތަކާއި ދެކޮޅު) ސިޔާސަތަށް ރާއްޖެއިން އަބަދުވެސް ތާއީދު ކުރާ ސިޔާސަތެއް ކަމަށާއި، އޭގެ ސަބަބަކީ، އިންސާނީ ހައްގުތަކާއި އަމިއްލަ މިނިވަންކަމަށް ރާއްޖެއިން އަބަދުވެސް އިހުތިރާމް ކުރާތީ ކަމުގައެވެ. އަދި ރާއްޖެއިން ފާއިތުވެދިޔަ ތަނުގައި ޔޫންއެންގައި އަދާކޮށްފައިވާ ދައުރަކީ މީގެ ހެއްކެއްކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މި ސިޓީގައި ރައީސް ސާލިހު އިތުރަށް ވިދާޅުވެފައިވަނީ، މީގެ ކުރިން ރާއްޖެއިން މިމައްސަލާގައި ދެކޮޅު ހަދަމުން އައީ، 2010 ވަނަ އަހަރުގެ ޖުލައިމަހު ރާއްޖެއިން ކޮމިޝަނަށް ހުށަހެޅި ކޮންޓިނެންޝަލް ޝެލްފްގެ އިންތަކާއި މޮރިޝަންސްއިން ދެކޮޅު ހެދުމުގެ ސަބަބުން ކަމަށާއި، ރާއްޖެއިން ޖެނެރަލް އެސެމްބްލީގައި ދީފައިވާ ވޯޓުތަކުގައިވެސް އޭގެ ތަފްސީލްތައް މީގެ ކުރިން ހާމަކޮށްފައިވާނެކަމަށެވެ.

އެހެންނަމަވެސް، މި މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލު ކުރުމާއެކު އެމައްސަލައަށް ހައްލެއް އަންނާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ، މިނިންމުމުގެ ސަބަބުން، ރާއްޖެއިން ދަމަހައްޓަމުން އަންނަ "ޑިކޮނޮލައިޒޭޝަން"އާއި ދެކޮޅު ސިޔާސަތަށް އިތުރަށް ބާރު ލިބިދީ، އަދި މޮރިޝަސްއާއި ދެމެދު އޮތް ގުޅުމަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ.

އަދި ސިޓީގައި ވިދާޅުވެފައިވަނީ ސަރުކާރުގެ މި ނިންމުމަކީ އިޓްލޮސްގައި ރާއްޖެއިން ނަގާފައިވާ ޕޮޒިޝަނަށް އެއްވެސް އަސަރެއް ކުރާނެ ނިންމުމެއް ނޫންކަމަށާއި، އޭގެ އިތުރުން 2010 ވަނަ އަހަރު ރާއްޖެއިން "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެޓްޝަލް ޝެލްފް" ހުށަހަޅާފައިވާ ހުށަހަހެޅުމަށްވެސް އަސަރެއް ކުރާނެ ނިންމުމެއް ނޫން ކަމުގައެވެ.

އަދި ޔޫއެންގައި ރާއްޖެއިން ދޭ ވޯޓުގައި މި ތަފްސީލުތައް މި ގޮތުގެ މަތިން ހާމަކުރައްވާނެކަމަށްވެސް ރައީސްގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައި ވެއެވެ. އަދި މޮރިޝަސްގެ ބޮޑުވަޒީރު ޗާގޮސްއަށް ރާއްޖޭގެ މަގުންލާފައި ދަތުރުކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށްވެސް މިސިޓީގައި ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.

ސިޓީގައި ހާމަކޮށްފައިވާ ވާހަކަތަކަށް ބަލާއިރު، މިއީ މީގެ ކުރިން މިމައްސަލާގައި ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުކަންވެސް ފާހަގަ ކުރެވެއެވެ. އެގޮތުން އޭރުގެ ސަރުކާރުން ބުނަމުން އައިސްފައިވަނީ ސަރުކާރުން މި ސިޓީ އާންމު ކޮށްފައި ނުވަނީ، ދޭދޭ ގައުމުތަކުގެ ވެރިންގެ މެދުގައި ބަދަލުކުރެވޭ މިފަދަ ސިޓީތައް އާންމުކޮށް "ޕަބްލި ޑޮމެއިން"އަށް ލުމަކީ ޑިޕްލޮމަސީއާއި ޚިލާފު، އަދި ކުރިޔަށް އޮތް ތަނުގައި ގައުމަތަކުގެ ވެރިންނާއެކީ ރާއްޖެއިން ދަމަހައްޓަންޖެހޭ މުއާމަލާތުތަކަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަކަށް ވާތީ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޗ ޗާގޯސް ބައްޕަ
އެ އޮތީނުން ޕްރެސިޑެންޓް، ރިޕަބްލިކް އޮފް މޯލްޑިވްސް. ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން. ރަސްމީ ސިޓީގަ ތައްގަނޑު އޮންނާކަށް ލާޒިމެއް ނޫން. އަދި ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅެއްވީމަ ނަންބަރެއްވެސް އޮންނާކަށް ނުޖެހޭނެ.