ޗާގޮސްގެ މައްސަލާގައި ރާއްޖެއާއި މޮރެޝިސްއާއި، ޤައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނޭ ލިޔެކިޔުމެއް އަދި އަމަލީގޮތުން އެކަން ތަންފީޒުވީކަން އެނގޭނޭ އެއްވެސް ރެކޯޑެއް ނުވަތަ ލިޔެކިޔުމެއް މިހާތަނަށް ބެލި ބެލުމުން ފެންނާކަށް ނެތް ކަމުގައި ރައީސް އޮފީހުން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ، ޗާގޮސްގެ މައްސަލާގައި ރާއްޖެއަށް ގެއްލިފައިވާ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށް ކުރެވެމުންދާ މަސައްކަތް މިޙާރު ކުރިޔަށްދާ ގޮތް ހާމަކުރުމަށް ސަރުކާރުން މިއަދު ނެރުއްވި ނޫސްބަޔާނުގައެވެ.
މި ނޫސްބަޔާނުގައި ބުނެފައިވަނީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުގެ ފަރާތްޕުޅުން މޮރިޝަސް ގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2022 ގައި ފޮނުއްވާފައިވާ ސިޓީގައިވާ ޢިބާރާތަށް ބަލާއިރު، ދިވެހިރާއްޖެއިން މޮރިޝަސްއަށް މި ސިޓީ ފޮނުވާފައިވަނީ ވަކި ކަންކަމަކާ ގުޅުވައިގެން އެއްބަސްވެގެންކަން ދޭހަވީ ކަމުގައިވީނަމަވެސް، ދެ ޤައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނޭ ލިޔެކިޔުމެއް އަދި އަމަލީގޮތުން އެކަން ތަންފީޒުވީކަން އެނގޭނޭ އެއްވެސް ރެކޯޑެއް ނުވަތަ ލިޔެކިޔުމެއް މިހާތަނަށް ބެލި ބެލުމުން ފެންނާކަށް ނެތްކަމުގައެވެ.
ރައީސް އޮފީހުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން ކުރިޔަށްގެންދާ ދިރާސާތަކާއި، މި މައްސަލައިގައި އައްޔަނުކޮށްފައިވާ ދިވެހިރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ކަމާބެހޭ މާހިރުންގެ ލަފާގެ މައްޗަށް ރިޢާޔަތްކޮށް، ނިމިދިޔަ ސަރުކާރުގެ ފަރާތުން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ގެންގުޅުއްވާފައިވާ ޤާނޫނީ ޕޮޒިޝަންއާއި ޢަމަލުކުރައްވާފައިވާގޮތާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާއަށާއި އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ބަންޑާރަ ނާއިބު ނިންމަވާފައިވާ ކަމުގައެވެ. އަދި މިމަސައްކަތް ނިމުމުން މިކަމާބެހޭ މަޢުލޫމާތު ޢާންމުކުރުމަށް ވެސް ބަންޑާރަނައިބު ނިންމަވާފައިވާކަމަށްވެސް ބުނެފައި ވެއެވެ.
ރައީސް އޮފީހުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ އެކްލޫސިވް އިކޮނޮމިކް ޒޯން ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވާކަމުގައެވެ. އަދި މިކަމުގައި އެއޮފީހުންނާއި ދިވެހި ދައުލަތުން ފުރިހަމަ މާނައިގައި، އެއްވެސް ނުފޫޒެއްނެތި، އިސްކުރާނީ، ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމުގައިވެސް ބަޔާން ކޮށްފައި ވެއެވެ.