އަންނަ ރަމަޟާންމަހުން ފެށިގެން ކޮންމެ ރަމަޟާންމަހެއްގެ ފަހު 10އެއް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެގޮތަށް ނިންމެވީ. މިއަދު އޮތް ކެބިނެޓުގައެވެ.
ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައި ކަނޑައެޅުއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމަނުއްވާފައިވާ މުހިންމު ކަމެކެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު ވިދާޅުވީ، މި ނިންމެވުމަކީ އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުން ރައީސް ނިންމެވި ނިންމެވުމެއްކަމަށެވެ.
ރޯދަމަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާނެކަމަށް، ރައީސް ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އޯގަސްޓް 29ގައި ބ.އޭދަފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ.
ބ. އޭދަފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ފަޚުރުވެރިވެ ތިބޭ ބައެއްކަމަށާއި، ދިވެހިންގެ ހުރިހާ އަސާސެއްވެސް ބިނާވާން ޖެހޭނީ އިސްލާމް ދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށްކަމަށެވެ. އެގޮތުގެ މަތިން ސަރުކާރުގެ ސިޔާސަތުތަށް އިސްލާމްދީނުގެ މަގުން އަޅުކަން ކުރެވޭނޭ ގޮތަށް މަގުފަހިވެފައި އޮތުމަކީ، ރައްޔިތުން ވަރަށް އުފާކުރާނޭކަމެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެހެންކަމުން ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި، ރަމަޟާން މަހުގެ ފަހު ދިހަ، އެއީ އެއްކޮށް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާނަން. އޭރުން ރައްޔިތުންނަށް، އަޅުކަމުގައި ވަރަށް ގިނަ ވަގުތު ހޭދަ ކުރެވޭނެ."
– ރައީސް މުޢިއްޒު އޭރު ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ