އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ އުދުވާނާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބި ކަން ހާމަކުރުމުގެ ގޮތުން މާދަމާ މެންދުރު ފަހުގެ ހުކުރު ނަމާދަށް ފަހު މާލޭގެ މަޖީދީ މަގުގައި އެއްވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
މި އެއްވުން އޮންނާނީ މާދަމާ މެންދުރު ފަހު 1:15 ގައެވެ.
އެއްވުން ބާއްވަނީ، މާދަމާގެ ތާރީހާ ގުޅުވައިގެން، "ފަނަރަބާރަ"އިގެ ނަމުގަ އެވެ. އެއްވުން ފަށާނީ ޗާނދަނީ މަގާއި މަޖީދީ މަގާ ގުޅޭ ސަރަހައްދުންނެވެ. އެ ސަރަހައްދުން ހިނގާފައި އާޓިފިޝަލް ބީޗަށް ދާ އިރު، އެއްވުން ނިންމާލުމަށް ހަމަޖެހިފައި ވަނީ އާޓިފިޝަލް ބީޗުގައި ކުރާ ހާއްސަ ދުއާއަކުންނެވެ.
ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބި ކަން ހާމަކުރުމަށް މީގެކުރިން މާލެ އާއި ރަށްރަށުގައި ތަފާތު ހަރަކާތްތައް ހިންގާފައިވެއެވެ.
އިސްރާއީލާއި ހަމާސް އާ ދެމެދު ހިނގި ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު ވަނީ 18،000 އަށް ވުރެ މައްޗަށް އަރައިފައެވެ.
އިސްރާއީލުން ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް، ހަނގުރާމަ ފެށީ މިދިޔަ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްގެ މުޖާހިދުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރައި ދިން ކުއްލި ހަމަލާތަކާ ގުޅިގެންނެވެ.
މި ހަމަލާތަކުގައި އިސްރާއީލްގެ 1،200 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އޭގެ ތެރޭގައި 300 އަށް ވުރެ ގިނަ އިސްރާއީލްގެ ސިފައިން ހިމެނޭ އިރު، 240 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ޣައްޒާ އަށް ގެންދިޔަ އެވެ.
ކޮމެންޓު ފޮނުވާ