ބާޒާރުގައި ކުއްލި ގޮތަކަށް ފިޔާގެ އަގު އުފުލިގެން ގޮސްފައިވި ނަމަވެސް، ރާއްޖެއަށް ފިޔާ އިމްޕޯޓްކުރުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިހެން ބުނެފައިވަނީ، އިންޑިއާއިން ދުނިޔޭގެ އެހެނިހެން ގައުމުތަކަށް ފިޔާ އެކްސްޕޯޓުކުރުން އަންނަ އަހަރުގެ މާރޗްމަހުގެ ނިޔަލަށް ކޮންޓްރޯލް ކޮށްފައިވާކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރުމާއިގުޅިގެން ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ކުއްލިގޮތަކަށް އިންތިހާއަށް މަތިވެފައި ވަނިކޮށެވެ.
ބާޒާރުގައި އާދަޔާ ޚިލާފަށް ފިޔާގެ އަގު އުފުލިގެން ދިއުމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ ބާޒާރުގައި ބައެއް ފަރާތްތަކުން ފިޔާގެ އަގު ބޮޑުކުރަމުންދާތީ އާންމު ފަރާތްތަކުން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅަމުންދާ ކަމުގައެވެ.
އިންޑިއާއިން ދުނިޔޭގެ އެހެނިހެން ގައުމުތަކަށް ފިޔާ އެކްސްޕޯޓުކުރުން އަންނަ އަހަރުގެ މާރޗްމަހުގެ ނިޔަލަށް ކޮންޓްރޯލް ކޮށްފައިވި ނަމަވެސް، އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ، މޫސުމީގޮތުން މިވަގުތު އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓު ކުރުން ވަގުތީގޮތުން މަޑުޖައްސާލާފައިވި ނަމަވެސް، ދިވެހި ރައްޔިތުންނަށް ފިޔާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ފަދަ އެއްވެސް ފިޔަވަޅެއް އިންޑިއާއިން އަޅާފައިނުވާކަމަށެވެ.
މިނިސްޓްރީގެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިނިސްޓްރީން ތަފާޓު 23 ވިޔަފާރިއަކުން އަގުބަލާ ކުރި ދިރާސާއިން ދައްކާ ގޮތުގައި 23 ނޮވެމްބަރު 2023 އާއި އަޅާބަލާއިރު 10 ޑިސެމްބަރު 2023ގައި ބާޒާރުގައި %20 އާއި %50 އާއި ދެމެދު ފިޔާގެ އަގު އުފުލިފައިވާކަން ފާހަގަ ކުރެވިފައިވާ ކަމުގައެވެ.
އެހެންނަމަވެސް މިނިސްޓްރީން ބުނެފައިވަނީ ފިޔާއާއި އަދި އެނޫން ޒަރޫރީ ބާވަތްތައްވެސް ރާއްޖެއަށް އިމްޕޯޓު ކުރުމުގައި އެއްވެސް ދައްޗެއް ނެތްކަމުގައެވެ. އަދި އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ އެކަމަށް އެކަށޭނެ ހައްލެއް ސަރުކާރުން ހޯދާދޭނެކަމުގެ ޔަގީންކަން ދޭކަމުގައިވެސް މިނިސްޓްރީގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ. އެހެންކަމުން އާންމުންނަށް ދަތިވާ ގޮތަށް ބާޒާރުގައި ފިޔާގެ އަގު މަތި ނުކުރުމަށް މިނިސްޓްރީން އިލްތިމާސް ކޮށްފައި ވެއެވެ.