ކުރީ ސަރުކާރުން ރިޔާސީ އިންތިޚާބާއި ދިމާކޮށް ވެއްދި މުވައްޒަފުންގެ ތެރެއިން 1800އަށްވުރެ ގިނަ މުވައްޒަފުންގެ ކޮންޓްރެކްޓް މިދިޔަ ނޮވެމްބަރުމަހުގެ ނިޔަލަށް ހަމަވެފައިވާކަމަށް، ފެނަކަ ކޯޕަރޭޝަންގެ އައު މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ފެނަކައިން މުވައްޒަފުން ވަކިކުރާކަމުގެ ޝަކުވާ އެމްޑީޕީން އަންނަނީ ކުރަމުންނެވެ. އެގޮތުން އެކަން ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަނީ ކުއްލި މައްސަލައެއްވެސް ހުށައަޅާފައެވެ.
އެކަމާއި ގުޅޭގޮތުން ރޭ ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ، އެކުންފުނީގެ ކެޕޭސިޓީއަށްވުރެ މާބޮޑަށް އިތުރަށް ކުރީ ސަރުކާރުން މުވައްޒަފުން ނަގާފައިވާކަމަށެވެ. އޭގެ ތެރޭގައި ސިޔާސީ ބޭނުމަށް އެއްވެސް ލިޔެކިޔުމެއް އަދި ކޮލިފިކޭޝަނެއް ނެތި ގިނަ ޢަދަދެއްގެ ކޮންޓްރެކްޓް މުވައްޒަފުން ވައްދާފައިވާކަން މުޢާޒް ފާހަގަކުރެއްވިއެވެ. މުޢާޒް ވިދާޅުވީ ކޮންޓްރެކްޓު މުވައްޒަފުންގެ ގޮތުގައި ގިނަ ޢަދަދެއްގެ މުވައްޒަފުން އެކުންފުންޏަށް ވައްދާފައިވާއިރު، ކޮންޓްރެކްޓް މުވައްޒަފުން ވަރަށް ގިނަކަމަށެވެ. އޭގެތެރެއިން 1868 މުވައްޒަފުންގެ ކޮންޓްރެކްޓް މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ހަމަވެފައިވާކަން މުޢާޒް ފާޙަގަކުރެއްވިއެވެ. ވުމާއެކު އެ ކޮންޓްރެކްޓްތައް އައު ނުކުރުމަކީ ޤަވާއިދާ ޚިލާފަށް މުވައްޒަފުން ވަކިކުރުންކަމަށް ދެކެވަޑައިނުގަންނަވާކަމަށްވެސް މުޢާޒް ވިދާޅުވިއެވެ.
8000 އަށްވުރެ ގިނަ މުވައްޒަފުންގެ ތެރޭގައި އެބަތިބި 2500 ކޮންޓްރެކްޓް ސްޓާފުން. މީގެތެރޭގައި 6 މަހަށް އަދި 3 މަހަށް ހަދާފައިވާ ކޮންޓްރެކްޓް އެބަހުރި. އަޅުގަނޑަކަށް ނޭނގެ މިހާ ގިނަ މުވައްޒަފުން ލައިގެން ކުރަން އުޅެނީ ކޮންމަކެއްކަމެއް
– މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.
މުޢާޒް ވިދާޅުވީ، ގިނަ ޢަދަދެއްގެ މުވައްޒަފުންގެ ތެރެއިން އެ މުވައްޒަފުން ކުރަނީ ކޮން މަސައްކަތެއްވެސް ނޭނގޭކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައިވެސް ބައެއް މެންބަރުން ވަނީ އެއީ ކުރީ ސަރުކާރުން ހިންގި ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެއީ އައު ސަރުކާރަށް ޖެއްސުންކުރުމުގެ ނިޔަތުގައި ކުރިކަމެއްކަމަށްވެސް މެންބަރުން ވިދާޅުވެފައިވެއެވެ.
ފެނަކައިގެ ތަސައްވުރު ކިލަނބުވެފައިވާއިރު، އެކުންފުނީގެ ދަރަނިވެސް އިންތިހާއަށް ބޮޑެވެ. މުޢާޒް ވިދާޅުވީ، އެކުންފުނީގެ ދަރަނި 4 ބިލިއަނަށް އަރާކަމަށެވެ.