ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މޭޒުގައި ހުރި މައިކު އޭނާ އަމިއްލަ އަށް ބިންދާލި މައްސަލަ މަޖިލީހުގެ ސުލޫކާއި އިމްތިޔާޒާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މަޖިލިހުގެ ނައިބު ރައީސަކު ހޮވަން ބޭއްވި ޖަލްސާ އަށް ފަހު، ކޮންމެ ދުވަހަކު ހެން ޖާބިރު ގެންދަވަނީ އިހްތިޖާޖް ކުރައްވަމުންނެވެ. ޖާބިރު އިހްތިޖާޖް ކުރައްވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގައި މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރުމަށް ރޭ ބޭއްވި ވޯޓުގެ ނަތީޖާއާ ގުޅޭ ގޮތުން ހިތްހަމަޖެހިވަޑައިނުގަންނަވާތީއެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި މަޖިލިހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަޑައިގަތީ މެމްބަރުންނަށް ރިޝްވަތު ދެއްވައިގެންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ޖާބިރުގެ މޭޒުމަތީގައި ބަހައްޓާފައިވާ މައިކްރޯފޯނު ބަދަލު ކުރަންޖެހޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި އެ ބަދަލުކުރުމަށް 5،100ރ. ހަރަދު ވާނެ ކަމަށް މަޖިލިހުގެ އިދާރާ އިން ބުނެފައިވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ މެމްބަރުން އަމަލު ކުރައްވަން ޖެހިވަޑައިގަންނަވާ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލު ކުރެވިފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އިމްތިޔާޒާއި ސުލޫކާ ބެހޭ ކޮމިޓީއަށް އެ މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލިހުގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަސްލަމް ވަނީ މަޖިލީހުގެ އިދާރާގައި ހުންނަ ތަކެއްޗަކީ ދައުލަތުގެ މުދާކަން ހަނދުމަކޮށް އެތަކެއްޗަށް ގެއްލުން ނުދިނުމަށް މެމްބަރުންނަށް އިލްތިމާސް ކުރައްވައިފައެވެ.