ޕީޕީއެމް ދޫކޮށް، ކުރީގެ ރައީސް ޔާމިން އުފެއްދުމަށް މަސައްކަތް ކުރަމުންދާ އާ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރޮންޓު (ޕީއެންއެފް) އަށް 3000 ސޮއި ހަމަކޮށް، އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް މިހަފްތަގެ ބުރާސްފަތި ދުވަހު ހުށަހެޅުމަށް ތައްޔާރުވާން ފަށައިފިއެވެ.
ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވީ އެޕާޓީއަށް ސޮއިކުރުމަށް ފޯމު ފުރަމުންދާ ފަރާތްތަކުގެ ފޯމުތައް ވީހާވެސް އަވަހަކަށް ޕާޓީގެ އޮފީހަށް ފޮނުވާދިނުމަށް އެދޭކަމުގައެވެ. އަދި އޭނާ ވިދާޅުވެފައިވަނީ ފޯމުތައް ޗެކްކޮށް ނިމިއްޖެނަމަ މިހަފްތާގެ ބުރާސްފަތި ދުވަހު ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅާނެ ކަމުގައެވެ.
ރައީސް ޔާމިނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ރޭވެސް ވަނީ އެ ޕާޓީއަށް ސޮއި ކޮށްފައެވެ.
ކުރީގެ ރައީސް ޔާމިން އުފައްދަވާ އާ ސިޔާސީ ޕާޓީ ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް އެޕާޓީން ފާއިތުވި އެއް ހަފްތާ ތެރޭގައި އެޕާޓީންވަނީ ބާރަށް ކުރިޔަށް ގެންގޮސްފައެވެ.
މިގޮތުން އެޕާޓީގެ ޓީމަކުން ވަނީ ފުވައްމުލަކުގައި ފޯމު ފުރުވުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައެވެ. އަދި އޭގެ އިތުރުން ހިޔާ ފްލެޓް ސަރަހައްދުގައާއި ޕާޓީ އޮފީހުގައިވެސް ވަނީ ފޯމު ފުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައެވެ.
ރައީސް ޔާމިންގެ އާ ސިޔާސީ ޕާޓީ ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައިވަނީ ނޮވެމްބަރުމަހުގެ 19 ވަނަ ދުވަހުއެވެ.
ޕާޓީ އުފެއްދުމުގެ ހުއްދައާއި ހަވާލުވީ އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ޓީމުގެ މެމްބަންނެވެ. އޭގެ ތެރޭގައި ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލްއާއި، ކުރީގެ މިނިސްޓަރ މަލީހުއާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދުގެ އިތުރުން ޕީޕީއެމްގައި ކުރިން އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތައްވެސް ހިމެނެއެވެ. ރައީސް ޔާމިން ގާނޫނީ ބަންދެއްގައި ހުންނެވުމާއި ގުޅިގެން ޕާޓީ އުފެއްދުމުގެ ހުއްދަ ދޫކޮށްފައިވަނީ ރައީސް ޔާމިންގެ ދަރިކަލުނ ޒެއިންގެ ނަމުގައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތުން ސިޔާސީ ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހެޅުމުންނެވެ. އެއަށްފަހު ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދޫކުރާނެއެވެ. އެއީ މަދުވެގެން ޕާޓީގެ 300 މެމްބަރުން ބައިވެރިވާ ޖަލްސާއަކަށް ވާނަޖެހެއެވެ.
ޕީޕިއެމްއިން ވަކިވެވަޑައިގަތުމަށްފަހު ވިދާޅުވެފައިވަނީ، އެޕާޓީ ދޫކޮށްލެއްވީ ލީޑާޝިޕް އެމަނިކުފާނާ ދުރަށް ވަޑައިގަތުމުންކަމަށެވެ. ނަމަވެސް ޕީޕީއެމް ލީޑާޝިޕު ބޭފުޅުން ވިދާޅުވީ ރައީސް ޔާމީން އެބޭފުޅުންނާއި ދުރަށް ވަޑައިގަތީކަމަށެވެ. އަދި ރައީސް ޔާމީންގެ އެ ނިންމެވުންތަކުގެ އިސް ފަރާތަކީ ޑރ. ޖަމީލް ކަމަށެވެ.